ވައްކަންކުރި މީހުންނަށް ރައްޔިތުން ނޫނެކޭ ބުނެ ހެޔޮވެރިކަމަކަށް މިވަނީ ފުރުސަތު ދީފައި: ޢަބްދުއްރަހީމް
ރައްޔިތުންގެ މުދަލުން ވައްކަންކުރި މީހުންނަށް 2023 ވަނަ އަހަރު ރައްޔިތުން ނޫނެކޭ ބުނެ، ރާއްޖޭގައި ހެޔޮވެރިކަމެއް ގާއިމުކުރުމަށް ފުރުސަތު ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި ދެއްކެވި ވާހަކަފުޅުގައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން އަސާސެއް ނެތް ދޮގު ވާހަކަތައް ތަކުރާރު ކުރަމުންދާތީ، އެކަމަށް ރައްދު ދެއްވަމުން ޢަބްދުއްރަހީމް ވިދާޅުވީ، ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ބަހުސްގައި ބައިވެރިވެވަޑައިނުގެންނެވޭ ނަމަވެސް، ކަންކަމުގެ ޙަޤީޤަތް ސާފުކޮށްދެއްވުމަކީ ކުރައްވަންޖެހޭ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ޢަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މުދަލުން ވައްކަންކުރި ސަރުކާރުތައް ރައްޔިތުން ދެކެފައިވާ ކަމަށާއި، އެފަދަ ސަރުކާރުތަކަށް ރައްޔިތުން ވަނީ ފާޅުގައި ނޫނެކޭ ބުނެފައި ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުމަކީ ހެޔޮވެރިކަމަކަށް މަގުފަހިކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ވައްކަންކުރި ސަރުކާރުތަކާ ދޭތެރޭ ރައްޔިތުން އަމަލުކުރިގޮތް މާޒީގައި އަޅުގަނޑު ދެކެފީމު. ވައްކަންކުރާ ސަރުކާރުތަކަށް ނޫނެކޭ ބުނެ ރައްޔިތުން ހެޔޮ އެދޭ ވެރިކަމަކަށް 2023 ގައި ގެނައި ވެރިކަމުން، ރައްޔިތުންގެ މަޖިލީހުން ހެޔޮ ވެރިކަމެއް ގާއިމުކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްކެއް ކުރައްވަމުން ގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން،" ޢަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރުގެ މަޖިލީހަކީ ސަރުކާރުގެ "ރަބަރު ސްޓޭމްޕް" އެއްގެ ގޮތުގައި އިދިކޮޅު މެންބަރުން ސިފަކުރައްވާތީ، އެކަމަށްވެސް ޢަބްދުއްރަހީމް ވަނީ ރައްދު ދެއްވާފައެވެ. އެމަނިކުފާނު ވަނީ ނިމިދިޔަ 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތްއިރު، އޭރުގެ މެންބަރުން އަމަލުކުރި ގޮތް ހަނދާންކޮށްދެއްވައި، އިދިކޮޅު މެންބަރުންގެ ތުހުމަތުތަކަށް ރައްދު ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވަމުން، ޢަބްދުއްރަހީމް ވިދާޅުވީ މި މަޖިލީހުން މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށެވެ.
ރިއެކްޝަންސް

