ބޮޑުތަކުރުފާނު މަގުގެ އާ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް އަންނަ ބުދަ ދުވަހު ފެށުމަށް ތައްޔާރުވަނީ!
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް އަންނަ ބުދަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 4 ސެގްމެންޓެއްގެ މަސައްކަތެވެ. މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވާ ގޮތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް އޮންނަ ސެގްމެންޓް 3، 4 އަދި 5 ގެ ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ. އަދި އެ ސަރަހައްދު މިހާރު އޮތީ ތާރު އެޅުމަށް ތައްޔާރުކުރެވިފައެވެ.
މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒް ވިދާޅުވީ، މަގު ހެދުމުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ޕޭމަންޓު ހެދުމުގެ ނުނިމި ހުރި މަސައްކަތްތައް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި، ސެގްމެންޓް 2 ގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތާރުއެޅުމުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީޒްތައް މޮބިލައިޒްކުރުމުގެ މަސައްކަތް އަންނަ މަހުގެ 1 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ކާނިވަލްގެ ޕާކިންގ ޒޯނާ ހަމައަށް އޮންނަ ސަރަހައްދު ބަންދުކުރެވޭނެއެވެ. ނަމަވެސް، ކާނިވަލްގެ ޕާކިންގ ޒޯން އާންމުންނަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ޝަރްވަސް އިތުރަށް ވިދާޅުވީ، ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ތާރުއަޅާނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށެވެ.
އެމްޓީސީސީގެ އަމާޒަކީ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދުގެ ހުރިހާ މަސައްކަތެއް ނިންމާލުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދޭ މި މަޝްރޫޢު ނިމުމުން، މާލޭގެ ބޮޑުތަކުރުފާނު މަގު އިތުރަށް ތަނަވަސްވެ، ދުއްވާ އެއްޗެއްސަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.
ރިއެކްޝަންސް





