ރައީސުލްޖުމްހޫރިއްޔާ ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑާ ބައްދަލުކުރައްވައިފި

1 hour ago - 08:09
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.


ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު (އަޙްމަދު މުޙައްމަދު)ގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.


މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، މުއައްސަސާގެ ހިންގުން އިތުރަށް ހަރުދަނާކުރުމާއި، އެ މުއައްސަސާގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.


ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ޚިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދެމެހެއްޓުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ޚިދުމަތް ދޭން މިހާރު ފެށިފައިވާއިރު، މުއައްސަސާގެ އިދާރީ ހިންގުން ހަރުދަނާކުރުމުގައި އެގްޒެކެޓިވް ބޯޑުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ.


މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އާއި އެގްޒެކެޓިވް ބޯޑުގެ މެންބަރުން ވަނީ ފުލުހުންގެ ސްޓްރެޓީޖިކް މަގުސަދުތައް ހާސިލުކުރުމަށާއި، ރައްޔިތުންގެ އިތުބާރު ހޯދުމުގެ އިތުރުން، ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަން ގާއިމުކުރުމުގައި ސާބިތުކަމާއެކު ދެމިތިއްބަވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.


މި ބައްދަލުވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement