މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅުނު 5 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މޯލްޑިވްސް އިމިގްރޭޝަނުން މާލެ އާއި ހުޅުމާލޭގައި މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު އަތުލައިގަނެ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަމާއި ގުޅިގެން އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 49 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެއެވެ. އޭގެ ތެރެއިން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ 5 މީހުންނަކީ ރާއްޖޭގައި އުޅުމުގެ ގަވާއިދުތަކާ ހިލާފުވެފައިވާ ފަރާތްތަކެއް ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
މި މައްސަލަތަކާ ގުޅިގެން ބަންދުކުރެވުނު ފަރާތްތައް އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މިއީ ރާއްޖޭގައި އެތައް އަހަރެއް ވަންދެން ގަވާއިދާ ހިލާފަށް އުޅެމުންދާ އަދި އަމިއްލައަށް ވިޔަފާރިކޮށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީން ހޯދައި، އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ މަސައްކަތެކެވެ. މިގޮތުން، މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ހިންގި އެކި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ރިއެކްޝަންސް





