ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 6،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދެއްވި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން، އިއްޔެ މާލެ ވިޔަފާރި ބަނދަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވަނީ "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއަރ ކޮށްފައިވާ ޝިޕްމަންޓެކެވެ. އެ ޝިޕްމަންޓް ފާސްކުރިއިރު، އޭގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައި ހުރި 6،328 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ. މި ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
ކަސްޓަމްސްއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި މަހުގެ 18 ވަނަ ދުވަހުވެސް ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައި 15،601 ވޭޕް ކާޓްރިޖް އަތުލައިގަނެފައިވެއެވެ. މިއީ ރާއްޖެއަށް ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ފަހުން، މިހާތަނަށް އަތުލައިގަނެވުނު އެންމެ ބޮޑު ޝިޕްމަންޓް ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ވަރަށް ހަރުދަނާކަމާއެކު ތަންފީޒު ކުރަމުންނެވެ.
ރިއެކްޝަންސް





