ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި
ސިނގިރޭޓާއި ބިޑީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގަމުންދާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.
މިހާރު އަމަލުކުރަމުންދާ ގޮތުން، 2024 ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެން ސިނގިރޭޓާއި ބިޑީގެ ޑިއުޓީ ވަނީ 50 ޕަސެންޓަށް އިތުރުކޮށްފައެވެ. އަދި ކޮންމެ ސިނގިރޭޓަކުން 8 ރުފިޔާގެ ރޭޓުން ޑިއުޓީ ނަގަމުންދެއެވެ. ނަމަވެސް އަލަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން:
- ސިނގިރޭޓާއި ބިޑީގެ އެޑްވެލޮރަމް ޑިއުޓީ %30 އަށް ކުޑަކުރުން.
- ކޮންމެ ސިނގިރޭޓަކުން ނުވަތަ ބިޑިއަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ތިރިކުރުން.
- ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން (Heated tobacco products) ނަގާ ޑިއުޓީ %30 އަށް އަދި ކޮންމެ ސްޓިކަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުން.
މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުވުމަށް އެހީތެރިވެދޭ ވަސީލަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތިން އެއްވެސް ޑިއުޓީއެއް ނުނަގާ ގޮތަށް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.
ސަރުކާރުގެ ފަރާތުން މި ބަދަލުތައް ހުށަހަޅާ ސަބަބެއް ކަމަށް ބުނެފައިވަނީ، ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށާއި، ދުންފަތް ހުއްޓާލުމަށް ބޭނުންކުރާ ތަކެތި އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
މިކަމާ ގުޅޭގޮތުން ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމަކީ ދެމެހެއްޓެނިވި އުސޫލަކުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ޑަބްލިއުއެޗްއޯ (WHO) އިން ހަދާފައިވާ ދިރާސާއަކާ ހަވާލާދީ މިނިސްޓަރު ވިދާޅުވީ، 2026 ވަނަ އަހަރުން ފެށިގެން ސިނގިރޭޓްގެ ޑިއުޓީ 4 ރުފިޔާގައި ބެހެއްޓުމަކީ އެ ޖަމްއިއްޔާއިން ރާއްޖެއަށް ދީފައިވާ ލަފައެއް ކަމަށެވެ. މި އިސްލާހު މަޖިލީހުން ފާސްވެއްޖެނަމަ، ބާޒާރުގައި ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުގެ އަގަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް

