ޔާމީންގެ ވާހަކަތަކަށް މިނިސްޓަރު ސައީދުގެ ރައްދެއް: ތިލަފުށީ ވިޔަފާރި ބަނދަރަކީ ދިވެހިންގެ ސައްތައިންސައްތަ މިލްކެއް!

ޔާމީންގެ ވާހަކަތަކަށް މިނިސްޓަރު ސައީދުގެ ރައްދެއް: ތިލަފުށީ ވިޔަފާރި ބަނދަރަކީ ދިވެހިންގެ ސައްތައިންސައްތަ މިލްކެއް!

1 hour ago - 13:11

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަނީ އިންޑިއާ ބަޔަކަށް ދޭން ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވި ވާހަކަފުޅު ދޮގުކުރައްވައި، އެ ބަނދަރަކީ ދިވެހި ރައްޔިތުންގެ ސައްތައިންސައްތަ މިލްކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.


ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރުން މިހާރު ވަނީ އިންޑިއާގެ ކުންފުންޏަކަށް އެ ބަނދަރު ދީފައެވެ. އަދި މި މަސައްކަތަކީ ރާއްޖެއިން އަމިއްލައަށް ނިންމާލެވޭ ހިސާބުގައި އޮތް މަސައްކަތެއް ކަމަށާއި، ބޭރު ބަޔަކަށް ބަނދަރު ދިނުމުން އެމްޕީއެލްގެ ބޭނުން ކެނޑި ދިވެހިންގެ ވަޒީފާތައް ގެއްލިގެންދާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.


ރައީސް ޔާމީންގެ މި ވާހަކަފުޅުތަކަށް ރައްދު ދެއްވައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބިނާކޮށްދެއްވާނީ ދިވެހި ރައްޔިތުންގެ ފުރިހަމަ މިލްކުވެރިކަން އޮތް، ގައުމުގެ އެންމެ އަގުހުރި އެއް ހަރުމުދަލުގެ ގޮތުގައި ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.


މީގެއިތުރުން، ތިލަފުށީ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެ މަޝްރޫއަކީ މި ސަރުކާރުގެ ފުރަތަމަ ދައުރުގައި ފަށައި ނިންމާނެ އެންމެ ބިޔަ އަދި ދިވެހިންނަށް އެންމެ މަންފާހުރި މަޝްރޫއު ކަމަށް ސަޢީދު ފާހަގަކުރެއްވިއެވެ. އަދި ހަގީގަތް ދެކެން ނުކުޅެދި، ތިލަފުށީ ބަނދަރާ ގުޅޭގޮތުން ރޯ ބުހުތާނު ދޮގު ނުފެތުރުމަށްވެސް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.


މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއު މި އަހަރުގެ ކުރީކޮޅު ސަރުކާރުން ފަށާފައިވާއިރު، އޭގެ ބައެއް މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކާއެވެ. ނަމަވެސް، މި ބަނދަރު ބޭރު ބަޔަކަށް ދޭން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ތަކުރާރުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow