ޕީއެންސީގެ މަތީ މަޖިލީހުގެ 49 މަޤާމަކަށް ކުރިމަތިލާން ހުޅުވާލައިފި
ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ (ކޮންގްރެސް) މުހިންމު 49 މަޤާމަކަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މިކަން ހާމަކުރެއްވީ މިރޭ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިސް ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލެވެ. ފިރުޒުލް ވިދާޅުވީ، ޕާޓީގެ އަސާސީ ގަވާއިދު ލާޒިމުކުރާ ގޮތުގެ މަތިން ކުރިއަށްގެންދާ މި ކޮންގްރެސްގައި، ޕާޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މުހިންމު މަޤާމުތަކަކަށް ބޭފުޅުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ މަޤާމުތަކުގެ ތެރޭގައި ހިމެނެނީ:
- ޕާޓީގެ ނައިބު ރައީސްކަމުގެ 6 މަޤާމު
- މެންބަރުންގެ މަޖިލީހަށް އިންތިޚާބުކުރާ 18 މެންބަރުން
- ޒުވާނުންނަށް ޚާއްޞަ 7 މެންބަރުން
- އަންހެނުންނަށް ޚާއްޞަ 10 މެންބަރުން
- އަންހެނުންގެ ހަރަކާތުގެ ރައީސް، ނައިބު ރައީސް، ސެކްރެޓަރީ އަދި ޚަޒާންދާރު
- ޒުވާނުންގެ ހަރަކާތުގެ ރައީސް، ނައިބު ރައީސް، ސެކްރެޓަރީ އަދި ޚަޒާންދާރު
މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ސެޕްޓެމްބަރު 1 އިން ފެށިގެން ސެޕްޓެމްބަރު 8 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މަޤާމުތަކަށް އެދި ހުށަހަޅާއިރު، ކޮންމެ ބޭފުޅަކު ވެސް އައިޑީކާޑުގެ މަޢުލޫމާތާއި، ފޮޓޯގެ އިތުރުން ޕޮލިސް ރެކޯޑާއި ޝަރުޢީ ކޯޓުތަކުން ސާފުކޮށްފައިވާ ކުށުގެ ރެކޯޑު ހުށަހަޅަންޖެހޭނެއެވެ. މިގޮތުން ހުށަހަޅާ ކުށުގެ ރެކޯޑަކީ ވޭތުވެދިޔަ 1 މަސް ދުވަހުގެ ތެރޭގައި ސާފުކޮށްފައިވާ ލިޔުމަކަށް ވާންޖެހޭނެ ކަމަށާއި، 1 މަހަށްވުރެ މުއްދަތު އިތުރުވެފައިވާނަމަ އަލުން ރެކޯޑު އާކުރަންޖެހޭނެ ކަމަށް ފިރުޒުލް ފާހަގަކުރެއްވިއެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ، މަޤާމުގެ ހައިސިއްޔަތުން ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު މެންބަރުންނަށް ލިބިގެންދާނެ ކަމަށާއި، ކޮންގްރެސްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އަދި މިކަމަށްޓަކައި ޕާޓީން ޚާއްޞަ ކޯލް ސެންޓަރެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ކޮންގްރެސް ފުރިހަމަކުރުމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ ދަށުން، މުޅި ޕާޓީގެ ލީޑަރޝިޕާއި އެކި ގުނަވަންތަކުން ވަރަށް ފޯރިއާއެކު މި މަސައްކަތުގައި ތައްޔާރުވަމުން އަންނަ ކަމަށް ވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް

