ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ ހޯދައި ފިޔަވަޅު އަޅައިފި
ސިނަމާލެ ބްރިޖު މަތީގައި ނުރައްކާތެރިކޮށް އަދި ފަރުވާކުޑަކޮށް ސައިކަލު ދުއްވި މީހަކު ދެނެގަނެ، އޭނާއާ މެދު ފިޔަވަޅު އަޅައިފިއެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ ބްރިޖު މަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ރެކޯޑްކޮށް ސޯޝަލް މީޑިއާގައި އާންމުކުރުމާ ގުޅިގެންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ޚިދުމަތުގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ އުޅަނދާއި އުޅަނދު ދުއްވި ފަރާތް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.
ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން އެ މީހާއަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން، އެ އުޅަނދު 30 ދުވަހުގެ މުއްދަތަށް ޓޯވ ކޮށްފައިވާއިރު، އެ އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް ހިފަހައްޓައި، އެ މީހާ ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.
އާންމު ރައްޔިތުންގެ ފުރާނައާއި މުދަލަށް ނުރައްކާވާ ގޮތަށް މަގުމަތީގައި ބާރު ސްޕީޑުގައާއި ފަރުވާކުޑަކޮށް އުޅަނދު ދުއްވާ ފަރާތްތަކާމެދު ފުލުހުން އަބަދުވެސް ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދެއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރިހާ ދުއްވާ އެއްޗެހި ދުއްވާ ފަރާތްތަކުން ވެސް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ރިއެކްޝަންސް





