ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިވާން 3 ސަރަޙައްދެއްގައި މަރުކަޒު ޤާއިމުކުރަނީ
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އެފަދަ ފަރާތްތައް އަނބުރާ އާންމު ދިރިއުޅުމަށް ގެނައުމަށްޓަކައި ބޭނުންވާ ވަށާޖެހޭ އެހީތެރިކަން ދިނުމަށް 3 މަރުކަޒެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ރާއްޖޭގެ ތިން ސަރަޙައްދެއްގައި މި މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން، ދެކުނުން އައްޑޫ ސިޓީގެ އިތުރުން، މެދު ރާއްޖެތެރެއިން ހުޅުމާލެ އަދި އުތުރުން ރ. އުނގޫފާރުގައި މި މަރުކަޒުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ހަދާ މަރުކަޒުގެ އަމަލީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއަހަރުގެ ތެރޭގައި ވަނީ އިޢުލާނުކޮށްފައެވެ. މި މުހިންމު މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީތެރިކަމާއެކުގައެވެ.
މި މަރުކަޒުތައް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ގެވެށި އަނިޔާއާއި އެކި ކަހަލަ އަނިޔާތަކުގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރި މާޙައުލެއް ހޯދައިދީ، ނަފްސާނީ އަދި އިޖުތިމާޢީ ގޮތުން އެފަރާތްތަކަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދީގެން މުޖުތަމަޢަށް އަލުން ނެރެދިނުމެވެ.
ރިއެކްޝަންސް





