ކަނޑުގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް އދ. އިން ފާސްކުރި މުހިންމު ޤަރާރަށް ޢަމަލުކުރަން ފަށައިފި

ކަނޑުގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް އދ. އިން ފާސްކުރި މުހިންމު ޤަރާރަށް ޢަމަލުކުރަން ފަށައިފި

2 hours ago - 19:24
Advertisement
Advertisement

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދިޔަ ނަމަވެސް، ކުދި ޖަޒީރާ ގައުމުތަކާއި އައްސޭރިފަށުގެ ސަރަހައްދުތަކުގެ ގާނޫނީ ހައްގުތަކާއި މިނިވަންކަން ނުގެއްލޭނެކަން ކަށަވަރުކުރުމަށް އދ. އިން ފާސްކުރި މުހިންމު ގަރާރަށް ރަސްމީކޮށް އަމަލުކުރަން ފަށައިފިއެވެ.


މިދިޔަ މަހުގެ 24 ވަނަ ދުވަހު އދ. ގެ އާންމު މަޖިލީހުން ފާސްކުރި މި ގަރާރަކީ، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި މިހާތަނަށް އެކުލަވައިލެވުނު މިފަދަ އެންމެ ފުރިހަމަ އަދި ތާރީޚީ ނިންމުމެވެ. މި ގަރާރުގެ މައިގަނޑު މަގުސަދަކީ، ތިމާވެށީގެ ނުރައްކާތަކުގެ ސަބަބުން ބިންގަނޑު އަޑިއަށް ދިޔަޔަސް، އެފަދަ ގައުމުތަކުގެ ދައުލަތްވަންތަކަމާއި އދ. ގައި އޮންނަ މެންބަރުކަން ދަމަހައްޓައި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން އެ ގައުމުތަކުގެ ސިޔާދަތު ރައްކާތެރިކޮށްދިނުމެވެ.


މީގެއިތުރުން، އދ. ގެ ކަނޑުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ ހާއްސަ އިގުތިސޯދީ ސަރަހައްދުތަކާއި ކަނޑުގެ ސަރަހައްދީ އިންތަކަށް އެއްވެސް ބަދަލެއް ނާންނާނެކަން ވެސް މި ގަރާރުން ކަށަވަރުކޮށްދެއެވެ. އަދި ތިމާވެށީގެ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި، ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން ފޯރުކޮށްދޭ މާލީ އެހީތެރިކަން މިހާރަށްވުރެ އިތުރުކުރުމަށް މި ގަރާރުގައި ވަނީ ބާރުއަޅާފައެވެ.


ދިވެހިރާއްޖެއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ގައުމަށް ވާއިރު، މި ނުރައްކާތަކާ ދެކޮޅަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް ރާއްޖެއިން އަންނަނީ މެދުކެނޑުމެއްނެތި ވަކާލާތު ކުރަމުންނެވެ. އެގޮތުން 1989 ވަނަ އަހަރު މާލޭގައި ބޭއްވި ކުދި ޖަޒީރާ ގައުމުތަކުގެ މަހާސިންތާގައި ފާސްކުރި "މާލެ ޑިކްލަރޭޝަން" އަކީ މި ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި އެޅުނު އެންމެ ފުރަތަމަ އަދި އެންމެ ވަރުގަދަ ބިންގަލެވެ.


ރާއްޖޭގެ ވެރިކަން ކުރެއްވި ވެރިންނެކޭ އެއްފަދައިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ގެންދަވަނީ މޫސުމީ ބަދަލުތަކުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތަކުގެ ވާހަކަ ބައިނަލްއަގުވާމީ އެކި ޕްލެޓްފޯމްތަކުގައި ފާހަގަކުރައްވަމުންނެވެ. އަދި މޫސުމީ ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ކުދި ގައުމުތަކަށް އިތުރުކޮށްދިނުމަށް އެމަނިކުފާނު ވަނީ ދުނިޔޭގެ ބޮޑެތި ބާރުތަކަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.


ހަމައެއާއެކު، އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ޕްލެނަރީ މީޓިން އޮން އެޑްރެސިން ދަ އެގްޒިސްޓެންޝަލް ތުރެޓްސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ މިކަމަށް އަލިއަޅުއްވާލައްވާފައެވެ. ނައިބު ރައީސް ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) އުމްރާނީ ބިނާރަށާއި، ރައްޔިތުންގެ ދިރިއުޅުމަށާއި، މައިގަނޑު އިގުތިސާދީ ދާއިރާތަކަށް އަދި ޖުމްލަ ތަރައްގީއަށް ބޮޑެތި ހުރަސްތަކެއް އެޅެމުންދާ ކަމަށެވެ. އަދި އެކަންކަމަށް ހައްލު ހޯދުމަށް މައިގަނޑު ތިން ދާއިރާއަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement