ރުކުމަޑި ނައްތާލުމަށް އުފެއްދި ސޫފި ރަށްތަކަށް ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިއްޖެ: ވަޒީރު ޝިޔާމް
ދިވެހިރާއްޖޭގެ ރުއްތަކަށް ޖެހިފައިވާ ކުދި ރުކުމަޑީގެ ބަލި ނައްތާލުމަށްޓަކައި ހަނިމާދޫގައި ގާއިމްކުރި ސޫފި އާލާކުރާ ސެންޓަރާއެކު، މި ބަލި ރާއްޖެއިން އެއްކޮށް ފޮހެލުމުގެ މަގުފަހިވެފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ، ކުދި ރުކުމަޑީގެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތް ކާމިޔާބުވެ، މިހާރު ރާއްޖޭގެ ރަށްތަކަށް ބޭނުންވާ މިންވަރަށް އެ ސޫފި ފޯރުކޮށްދިނުމުގެ ގާބިލްކަން ހޯދިފައިވާ ކަމަށެވެ. "ކޮކޮނަޓް ހިސްޕިން ބީޓްލް" ނުވަތަ ކުދި ރުކުމަޑިއަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރުއްތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ސޫތްޕެކެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީގައި ވަނީ ދިރާސާތަކެއް ކޮށް، މި މަޑިއަށް ހަމަލާދީ ނައްތާލާނެ ސޫތްޕެއް ހޯދާފައެވެ. މި ސޫފި އާލާކުރުމަށްޓަކައި ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި "ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު" ގެ ނަމުގައި ހާއްސަ މަރުކަޒެއް ގާއިމްކޮށް، މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މި މަސައްކަތަށް ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ވަނީ ހދ. ނޮޅިވަރަމް ކައުންސިލާ ބޭސް ހަވާލުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ލިޔުމުން ޝަކުވާ ހުށަހަޅާފައިވާ ރަށްތަކަށާއި، ހާއްސަކޮށް ދަނޑުވެރިކަން ކުރާ ރަށްތަކަށް އިސްކަންދީގެން މި ބޭސް ފޯރުކޮށްދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހަނިމާދޫގައި ވަނީ ތަމްރީން ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފައެވެ. ޗައިނާގެ ފަންނީ މާހިރުން ދެއްވި މި ތަމްރީނުގައި ބޮޑުތިލަދުންމަތީގެ ދަނޑުވެރިންނާއި ޕެސްޓިސައިޑް ގެންގުޅޭ ކުންފުނިތަކުގެ މުައްޒަފުން ބައިވެރިވިއެވެ. މި ތަމްރީނުގެ ސަބަބުން ގުދުރަތީ ދިރުންތައް ބޭނުންކޮށްގެން ބަލިތައް ކޮންޓްރޯލްކުރުމުގެ ފަންނީ ހުނަރު ދިވެހިންނަށް ލިބިގެންދާނެއެވެ.
ރިއެކްޝަންސް





