އެއާޕޯޓުން ފުރަން ދިޔަ 6 ބިދޭސީއެއްގެ އަތުން 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) ރާއްޖެއިން ބޭރަށް ފުރަން ގޮސް ތިބި ބިދޭސީންތަކެއްގެ އަތުން ގާތްގަނޑަކަށް 3.8 މިލިއަން ދިވެހި ރުފިޔާއަށްވާ ބޭރު ފައިސާ ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލައިގައި ހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 6 ފިރިހެނުންނެވެ. އެ މީހުންގެ އަތުން 18 ގައުމެއްގެ ފައިސާ ފެނިފައިވާއިރު، އޭގެ ތެރޭގައި 174،161 ޔޫއެސް ޑޮލަރާއި، 56،760 ޔޫރޯ އަދި 1،815 ސްޓާލިން ޕައުންޑް ހިމެނެއެވެ. މި ހުރިހާ ފައިސާއެއްގެ ޖުމުލަ އަގު ގާތްގަނޑަކަށް 3.8 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، މި ފައިސާތައް ރައްކާކޮށްފައި ހުރީ ސީރިއަލް ޕެކެޓުތަކެއްގެ އެތެރޭގައެވެ.
ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތަކުގައި ބިދޭސީން ބައިވެރިވާ މައްސަލަ ހައްލުކުރުމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ އިދާރާތައް ގުޅިގެން މިހާރު ވަނީ ހާއްސަ ޓާސްކްފޯހެއް އެކުލަވާލާފައެވެ.
ފުލުހުން ބުނީ މި 6 މީހުން އަތުލައިގަނެފައިވަނީ އެ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޝަންސް





