
ވަޒީރުންގެ މަޖިލިހުގެ ނިންމުން: 2007 ވަނަ އަހަރުގެ ފަހުން އުފަންވާ މީހުންނަށް ދުންފަތް މަނާކުރުން
މިއަހަރުގެ ނޮވެމްބަރު މަހު ޤާނޫނު ތަންފީޒު ކުރަންވެސް ވަނީ ނިންމަވާފަ
2007 ވަނަ އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުގެ ފަހުން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ވަޒީރުންގެ މަޖިލިހުން މިއަދު ނިންމަވައިފިއެވެ. ވަޒީރުންގެ މަޖިލިހުގެ ނިންމެވުމުގައި ވަނީ އެ ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހުން މިނިންމެވުން ނިންމެވީ ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް، "ޖެނެރޭޝަނަލް ބޭން" ތަޢާރަފުކުރުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހުއެވެ. 2007 ވަނަ އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އެ ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުމަށް ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ވަނީ މިއަދު ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އެގޮތުން ޤާނޫނަށް އިޞްލާޙު ގެނެސް، ތަޞްދީޤުކުރާ ތާރީޚުން ފެށިގެން ޤާނޫނަށް ޢަމަލުކުރަން ފެށުމަށް 6 މަސްދުވަހުގެ މުއްދަތެއް ދޭން ވަނީ ނިންމަވާފައެވެ. މިއަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު މި ޤާނޫނު ތަންފީޒުކުރަން ފެށުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާ މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށްގެންދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން" ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، ރައީސުލްޖުމްހޫރިޔާ، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލެއްވިއެވެ. ރައްޔިތުންގެ ގިނަ ބަޔަކު ޚިޔާލުދެއްވީ 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ފަހުން އުފަންވާ ފަރާތްތަކަށް ދުންފަތުގެ ޖެނެރޭޝަން ބޭން ގެނައުމަށެވެ.
ރިއެކްޝަންސް






