ރާއްޖޭގެ ފައިނަލް ޕްރޮޕޯސަލް ޕޭޕަލް އަށް ފޮނުވައިފި
ޕޭޕަލްގެ ޚިދުމަަތް ރާއްޖޭގައި ފެށޭނެ ކަމުގެ ޔަގީންކަން ދެއްވި
ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ރާއްޖޭގެ ފައިނަލް ޕްރޮޕޯސަލް ޕޭޕާލް އަށް ފޮނުވައިފި އެވެ. އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވިދާޅުވީ ފައިނަލް ޕްރޮޕޯސަލް ފޮނުވީ މީގެ ދެދުވަހެއް ކުރިން ކަމަށެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ މިހާރު މިއިންތިޒާރު ކުރަނީ ކޮންމެސް ކަހަލަ އެއްބަސްވުމަކަށް ވަރަށް އަވަހަށް އާދެވޭނެ ކަމަށް ކަމަށެވެ. ޕޭޕާލްގެ ގްލޯބަލް މާކެޓެގް ރައީސްއާ މަޝްވަރާތަކެއް ކުރެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެމަޝްވަރާތަކަށް ދެވުނީ އެމެރިކާ ސަރުކާރުގެވެސް އެހީތެރިކަމާއެކުންވެސް ފާހަގަކުރެއްވިއެވެ. އެމަބްވަރާތަކުގައި ރާއްޖެ އޮތް ހިސާބާއި, ޑިޖިޓަލް ދުނިޔޭގައި ލިބިފައިވާ ކުރިއެރުން ހިއްސާކުރެއްވި ކަމަށް ވިދާޅުވިއެވެ.
" އަޅުގަނޑު ނެތިން ދަންނަވަން މިވެނި ދުވަހަކުއޭ ޕޭޕަލްގެ ޚިދުމަތް ރައްޖޭގައު ފެއްޓޭނީ, އެހެންނަމަވެސް އިރާދަކުރެއްވިއްޔާ ޕޭޕާލް ޚިދުމަތް ރާއްޖެއަށް ގެނެވޭނެ" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިހާތަނަށް ގަބޫލުކުރެވިފައި އޮންނަނީ ޕޭޕާލް ފަދަ ބޮޑަތި ކުންފުނިތައް ރާއްޖެއަށް ނާންނަނީ މާކެޓް ކުޑަވުމުން ކަމަށެވެ. އެހެންނަމަވެސް
ޕޭޕަލްގެ ޚިދުމަތަކީ ދިވެހި ޒުވާނުން ވަރަށް އިންތިޒާރުކުރާ ޚިދުމަތެއްކަން ފާހަގަކުރެއްވިއެވެ. އަދި އީކޮމާސްގައި ހަރަކާތްތެރިވާ ވަރަށްގިނަ ބަޔަކު މިޚިދުމަތަށް އިންތިޒާރުކުރާ ކަންވެސް ފާހަގަކުރެއްވިއެވެ. އެކަމަކު އެއީ މިހާތަނަށް ރާއްޖެއަށް ހޯދުފައި އޮތް ހިދުމަތެއްނޫނެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ވައުދެކެވެ. ކްރިއޭޓަރ އިކޮނޮމީ ގާއިމްކުރުމާއި ކްރިއޭޓަރ އިކޮނޮމީގައި މަސައްކަތްކުރާ ފަރާތްތަކަށް އަދި އީކޮމާސްގައި މަސައްކަތްކުރާ ފަރާތްތަކަށް އީވޮލެޓް އަދި އޮންލައިން ޕޭމަންޓް އޮޕްޝަންތައް ގެނެސްދިނުން ވަރަށް މުހިއްމުކަން މިނިސްޓަރ ސައީދު ފާހަގަކުރެއްވިއެވެ. އެމަގަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން ދާދިފަހުން އިންޑިޔާއާއެކުވެސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕް ކުރުމާ ގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއިކުރެއްވި ކަމަށް ވިދާޅުވިއެވެ. އިންޑިޔާއާއެކު ސޮއިކުރީ އިންޓެގްރޭޓެޑް އީ އޮންލައިން ޕޭމަންޓް ސިސްޓަމެއް ހެދުމާ ގުޅޭގޮތުންނެވެ.
ރިއެކްޝަންސް