މިއަދު ވަޒީރުންގެ މަޖިލިހުގައި އެސްއޯއީތައް ރިފޯމް ކުރުމުގެ މުހިއްމު މަޝްވަރާތަކެއް!
ބައެއް ކުންފުނިތައް އެއްކޮށްލުމުގެ މަޝްވަރާތައް ހިމެނޭ
މިއަދު ކުރިއަށްދާ ވަޒީރުންގެ މަޖިލިހުގައި ސަރުކާރުގެ ކުންފުނިތައް ރިފޯމް ކުރުމުގެ މުހިއްމު މަޝްވަރާތަކެ އެޖެންޑާ ކޮށްފިއެވެ.
ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢާއްމުކުރެއްވި ރައީސްގެ ކުރު ވީޑިއޯއެއްގައި އެމަނިކުފާނު ވިދާޅުވީ އެސްއޯއީތައް ރިފޯމް ކުރުމަށް ކުރާ މަސައްކަތްތަކުގެ މުހިއްމު މަޝްވަރާތަކެއް އެޖެންޑާ ކުރެވިފައިވާކަމަށެވެ. އެގޮތުން ރީޖަނަލް އެއަޕޯރޓްސް ކޮމްޕެނީ މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކުރުމުގެ މަޝްވަރާތަކެއް ވަނި ހިމަނާފައެވެ. އެބަދަލު ގެންނަން ހުރި ގޮތްތަކެއްގެ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެބަދަލަކީ ވަރަށްގިނަ ގުނަ ފައިދާތަކެއް ވާނެ ބަދަލަކަށް ވާނެ ކަމަށެވެ. އަދި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ފަހިދިރިއުޅުން ކޯޕަރޭޝަން އެއްކޮށްލުމުގެ މަޝްވަރާ ކުރުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ. ހުޅުމާލެ ބަލަހައްޓާ މައި ކުންފުނި އެޗްޑީސީއާއި, މާލެ ސަރަހައްދުގެ ގެދޮރުވެރިކަމުގެ ކަންކަން ބަލަހައްޓަވާ ފަހި ދިރިއުޅުން ކޯޕަރޭޝަން އެއްކޮށްލުން ނުވަތަ އެޗްޑިސީގެ ދަށަށް ބަދަލުކުރުމާ މެދު މިއަދު ވަޒީރުންގެ މަޖިލިހުގައި މަޝްވަރާ ކުރައްވާނެއެވެ. މީގެއިތުރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އާއި ބީސީސީ އެކީގައި މަސައްކަތްކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މަޝްވަރާވެސް ވަނީ އެޖެންޑާކުރައްވާފައެވެ. ބީސީސީއަކީ ކުދި ވިޔަފާތިއް ކުރިއަރުވަން މަސައްކަތް ކުރާ ކުންފުންޏެވެ.
މީގެކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދަށުން އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރަން ނިންމަވާފައެވެ. އެމަސައްކަތް އެސްޓީއޯއާ ފެނަކަ ގުޅިގެން ދަނީ ކުރަމުންނެވެ. އެސްޓީއޯއިން ބުނެފައިވަނީ މިއީ އެކުންފުންޏާއި ފެނަކައަށްވެސް ފައިދާ ކުރާނެ މުހިއްމު ބަދަލެއް ކަމަށެވެ. ރައީސް ވިދާޅުވީ އެބަދަލަކީ މުހިއްމު ނިންމެވުމެއް ކަމަށެވެ.
މީގެއިތުރުންވެސް ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިއްމު އަދި ކުރިއަރާފައިވާ ކުދި ބައެއް ގައުމުތަކުގައިވެސް ކަންކުރާ ގޮތް އިގްތިސާދު ޑައިވަސިފައި ކުރުމަށް އިންވެސްޓަރ ރެސިޑެންސީ ޕްރޮގްރާމެއް ތަޢާރަފްކުރުމާ ގުޅޭ މަޝްވަރާތައްވެސް މިއަދުގެ ވަޒީރުންގެ މަޖިލިހަށް ވަނީ ތާވަލްކުރައްވާފައެވެ.
ރިއެކްޝަންސް