ރައްޔިތުން ބަލައިގަންނަ ޚިދުމަތަކަށް ފުލުހުންގެ ޚިދުމަތް ހަދާނަން – ކޮމިޝަނަރ

ރައްޔިތުން ބަލައިގަންނަ ޚިދުމަތަކަށް ފުލުހުންގެ ޚިދުމަތް ހަދާނަން – ކޮމިޝަނަރ

ބޭސިކް ޕޮލިސިންގ ރަނގަޅުކޮށް، މަގުމަތިން ފުލުހުންގެ ހިދުމަތްދޭތަން ވަރަށް ގާތުން ރައްޔިތުންނަށް ފެންނާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެ

9 months ago - 22:19
Dec 31, 2023 - 22:21
Advertisement

ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ބޭސިކް ޕޮލިސިންގ ރަނގަޅުކޮށް، މަގުމަތިން ފުލުހުންގެ ހިދުމަތް ދޭތަން ވަރަށް ގާތުން ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް ފެނިގެންދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިގޮތަށް ވިދާޅުވީ އިސްކަންދަރު ބިލްޑިންގްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ރައްޔިތުންނާ ގާތުން ޚިދުމަތްކުރާ ފުލުހުން ރާއްޖޭގެ އެކި ހިސާބުތަކުން ފެނިގެންދާނެ ކަމަށާއި ފައި މަގުގައި ޕެޓްރޯލުކުރާ ފުލުހުން އިތުރުވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ އޭގެ ނަތީޖާ އަކަށް ވެގެންދާނީ މުޖްތަމައުގައި ކުށް ކުރާ މިންވަރު މަދުވެ، ރައްޔިތުންނަށް އަމާންކަން އިހުސާސު ކުރެވުން ކަމުގައެވެ.

Advertisement

މީގެ އިތުރުން ބޭސިކް ޕޮލިސިންގ ރަނގަޅު ކުރުމަށް މަސައްކަތް ކުރުމުން ލިބިގަނެވޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ތަހުގީގު ކުރެވި އެ މައްސަލަތަކުގައި ގެއްލުން ލިބޭ ފަރާތަށް އިންސާފު ލިބުން އަވަސްވެގެން ދިއުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ ވިދާޅުވީ މަސްތުވާތަކެއްޗާއި ގޭންގް މާރާމާރީތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށާއި މަސްތުވާތަކެތި އެތެރެވުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއެކު މިހާރަށްވުރެ ރަނގަޅަށް މަސައްކަތްކުރުމަށް ފުލުހުންނަށް ފުރުޞަތުލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުން ހޯދައި ނޭޝަނަލް ޑްރަގް އޭޖެންސީއާ ޙަވާލުކުރުމުން އެ އޭޖެންސީގެ ފަރާތުން އެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކޯޑިނޭޓް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކުމާއި  އޭގެ ބޭނުންކުރާ ބިދޭސީންގެ މައްސަލަތައް ބަލައި ނިމުމުން، މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ބިދޭސީންގެ ކަންކަން ހައްލުކުރުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ޑްރަގް ނެޓްވޯކްތަކުގެ ބޮޑުންނާއި މިކަމުން ނަފާލިބޭ އެންމެން ހޯދައި އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ބަނގުރާ އެތެރެކުރާ ސަފާރީތައް ހޯދައި ފިޔަވަޅު އެޅުމުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ފުލުހުން ސާބިތުކަމާއެކު ކުރަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

 އޭގެއިތުރުން، ގްރޭޓަރ މާލެ އާއި ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި ކުށްކުރާ ގްރޫޕްތަކުގެ ބިރުވެރިކަން އޮތްކަން ފާހަގަކުރައްވައި، މިފަދަ ބޮޑެތި ކުށްތައް ހުއްޓުވުމަށް އަބަދުވެސް ފުލުހުން މަސައްކަތް ކުރަމުންދާކަމަށާއި އެ މަސައްކަތްތަކުގެ ނަތީޖާ އެންމެ ރަނގަޅު ނޫންކަމަށް ވިދާޅުވިއެވެ.

އަދި ގްރޫޕްތަކުން ރެކްރޫޓްކުރުމާއި ހާއްސަކޮށް 18 އަހަރުން ދަށުގެ ކުދިން މިކަންކަމަށް ވައްދާކަން ފާހަގަވެފައިވާކަމަށާއި މިފަދަ ގްރޫޕްތަކަށް އަމާޒުކޮށްގެން ކަންކަން އެންފޯސްކުރުމުގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން މިކަންކަމުގައި އުޅޭ ކުޑަކުދިން ދެނެގަނެ، އެ ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުން މިފަދަ ކުދިން ރީހެބިލިޓޭޓްކުރުމުގެ މަސައްކަތް ފެއްޓުމަށް މަޝްވަރާކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. 

އަދި މިކަމަށް ފުލުހުންގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަޤީންކަން ކޮމިޝަނަރ އޮފް ޕޮލިސް ދެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement