މާލެ ސަރަހައްދުގައި ބަރު އުޅަނދުތައް ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
މާލެ ސަރަޙައްދުގެ މަގުތަކުގައި ހިނގާބިގާވެ އުޅޭ ފަރާތްތަކާއި އުޅަނދު ދުއްވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ބައެއް ބާވަތުގެ ބަރު އުޅަނދުތައް ދުއްވުން މަނާ ގަޑިތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ މަގުތަކަކީ އެންމެންނަށްވެސް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމާއި، ޚާއްސަކޮށް ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. އެގޮތުން ސްކޫލް އޮންނަ ދުވަސްތަކުގައި، ސްކޫލްތައް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި އެ ސަރަހައްދުތަކުގައި ކަނޑައެޅިފައިވާ ވަކި އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާވާނެއެވެ.
މި އުސޫލުގެ ދަށުން ދުއްވުން މަނާކޮށްފައިވަނީ 350 ކިލޯއަށް ވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި، ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލަރ ފަދަ ބަރު އުޅަނދުފަހަރެވެ.
އުޅަނދުތައް ދުއްވުން މަނާ ގަޑިތަކާއި ސަރަހައްދުތައް:
ހެނދުނު 06:00 އިން 08:30 އަށް: ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކާއި، ހުޅުމާލޭގެ މަގުތައް އަދި ސިނަމާލެ ބުރިޖާއި ހައިވޭގައި ދުއްވުން މަނާވާނެއެވެ.
ހެނދުނު 11:30 އިން މެންދުރު 01:30 އަށް: ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކާއި، ސިނަމާލެ ބުރިޖާއި ހައިވޭގައި ދުއްވުން މަނާވާނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިފަދަ އުޅަނދުތައް ދުއްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ. އަދި މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
މީގެ އިތުރުން، ސްކޫލްތަކާއި ހޮސްޕިޓަލްތައް ފަދަ އާންމުކޮށް ގިނަ ބަޔަކު ޚިދުމަތް ހޯދާ ތަންތަނުގެ ކައިރީގައި ގަވައިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކާމެދު ވެސް ހަރުކަށި ފިޔަވަޅު އަޅަން ފަށާނެކަން އެ މިނިސްޓްރީން އިއްޔެ ވަނީ ހާމަކޮށްފައެވެ. އެގޮތުން 7 ދުވަސް ފަހުން އެފަދަ އުޅަނދުތަކުގެ ވެރިފަރާތްތައް ޖޫރިމަނާކުރަން ފަށާނެ ކަމަށް ވަނީ އަންގާފައެވެ.
ރިއެކްޝަންސް





