ފެނަކައާއި އާރުޑީސީގެ ކުރީގެ އެމްޑީން ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އައްޔަންކުރައްވައިފި
އުވާލަން ނިންމާފައިވާ ސަރުކާރުގެ ދެ ކުންފުނި ކަމަށްވާ ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރެއްވި ދެ ބޭފުޅުން ސަރުކާރުގެ ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
އެގޮތުން، ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރެއްވި މުހައްމަދު އަފީފް ހުސައިން އައްޔަންކުރެއްވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރު ކަމަށެވެ. އަދި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރެއްވި އިބްރާހީމް ނަޒީމް އައްޔަންކުރެއްވީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރު ކަމަށެވެ.
ފެނަކައިގެ ކުރީގެ ޗެއާމަންކަން ވެސް ކުރެއްވި އަފީފް އެ ކުންފުނީގެ އެމްޑީގެ މަގާމުން ވަކިކުރީ، އެ ކުންފުނި އުވާލައި ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. ރާއްޖޭގެ ރަށްރަށަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދެމުން އައި ފެނަކަ އުވާލަން ނިންމެވިކަން ރައީސް ޑރ. މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ސަރުކާރުގައި ފެނަކައިގެ ނަމުގައި ހިންގާފައިވާ ކަންކަން އޮޑިޓާ ޖެނެރަލްގެ ރިޕޯޓުން ފެންނަން ހުރިއިރު، ފަންނީ ބޭފުޅުންގެ ލަފަޔާއެކު އެ ކުންފުންޏަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކުންފުންޏެއް ނޫން ކަމަށް ބެލެވޭތީ އުވާލަން ނިންމެވީއެވެ. އަފީފަކީ މި ސަރުކާރުގައި ފެނަކައިގެ އެމްޑީކަމުން ވަކިކުރެއްވި ތިންވަނަ ބޭފުޅާއެވެ. މީގެ ކުރިން އެ މަގާމު ފުރުއްވީ މުއާޒް މުހައްމަދު ރަޝީދާއި މުހައްމަދު ނަޖާހު އެވެ.
އާރުޑީސީގެ އެމްޑީގެ މަގާމުން ވަކިކުރެއްވި ނަޒީމް ސްޕޯޓްސް މިނިސްޓްރީއަށް އައްޔަންކުރެއްވިއިރު، އޭނާއަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޔޫތު މިނިސްޓްރީގެ އެކި މަގާމުތައް 17 އަހަރު ވަންދެން ފުރުއްވާފައިވާ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވޮލީބޯޅަ ރެފްރީކަން ވެސް ކުރައްވާފައިވާ ކުޅިވަރުގެ ދާއިރާގެ ތަޖުރިބާކާރެކެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް އޭނާ ކުރެއްވިއެވެ.
ރިއެކްޝަންސް

