މާލެ ސިޓީ މޭޔަރު ރިޕޯޓުތައް ވަތްގަނޑަށްލައި ފޮރުވުމަކީ މަސައްކަތް ހުއްޓޭނެ ކަމެއް: ހަލީމް
މާލެ ސިޓީ ކައުންސިލްގެ ކޮމިޓީތަކުން އެކުލަވައިލާ ރިޕޯޓުތަކަށް މޭޔަރު އިޖާބަ ނުދެއްވައި، އެ ކަންކަން މަޑުޖައްސަވާފައި ހުރުމުގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
ހަލީމް މިހެން ވިދާޅުވީ، ރޭ ބޭއްވި ޕީއެންސީގެ ގަލޮޅު ދެކުނު ކެމްޕެއިން ޖަގަހަ އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ޖަގަހަ ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
ހަލީމް މިހެން ވިދާޅުވެފައިވަނީ، މާލޭގެ މޭޔަރު އާދަމް އާޒިމް ސަރުކާރުން ކުރައްވަމުން ގެންދަވާ އެއްވެސް މަޝްރޫއުތަކަށް އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ، ސަރުކާރު ހިންގާ މައި ޕާޓީ (ޕީއެންސީ) ގެ އިސް ބޭފުޅުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ސަރުކާރުގެ މަސައްކަތްތަކަށް މާލެ ސިޓީ ކައުންސިލްގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ، ޕީއެންސީގެ އިސް ފަރާތްތަކުން އަންނަނީ ފާޅުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހަލީމް ވިދާޅުވީ ސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެކި ދާއިރާތަކުން ގިނަ ކޮމިޓީތަކެއް އެކުލަވާލާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހުޅުމާލެ ސަރވިސް ކޮމިޓީ، ވިލިމާލެ ސަރވިސަސް ކޮމިޓީ، ކޯޕަރޭޓް ސަރވިސަސް ކޮމިޓީ، ލޭންޑް ބިލްޑިންގ އެންޑް ވައިޓަލް ސަރވިސަސް ކޮމިޓީ، މުނިސިޕަލް ސަރވިސަސް ކޮމިޓީ އަދި ޕޮލިސީ ޕްރޮގްރާމް އެންޑް ޕްރޮޖެކްޓްސް ކޮމިޓީ ހިމެނެއެވެ.
ހަލީމް ފާހަގަކުރެއްވި ގޮތުގައި މި ހުރިހާ ކޮމިޓީތަކެއްގައި ތިއްބަވަނީ ހަމައެކަނި ކައުންސިލް މެންބަރުން ކަމަށާއި، މޭޔަރު އެއްވެސް ކޮމިޓީއެއްގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ކޮމިޓީތަކުން ނިންމާ ނިންމުންތަކާއި ރިޕޯޓުތައް ވިލަރެސްކޮށް، އަމަލީ ސިފަ ގެނައުމަށްޓަކައި މޭޔަރަށް ހުށަހަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮމިޓީތަކުން ކިތަންމެ ރަނގަޅަށް އަޅުގަނޑުމެންގެ މެންބަރުން މަސައްކަތްކޮށްފައި މޭޔަރަށް ހުށަހެޅިޔަސް، މޭޔަރު އެ ރިޕޯޓުތަކުގެ މަތީގައި އަތްއަޅައި ވަތްގަނޑަށްލައި ފޮރުވާފައި ބަހައްޓާނަމަ ކިހިނެއްތޯ ވާނީ؟" ހަލީމް ސުވާލު އުފެއްދެވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރިޕޯޓުތަކަށް އަމަލީ ސިފަ ނުގެނެސް ހިފަހައްޓަވާނަމަ ކައުންސިލްގެ މަސައްކަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށެވެ. އަދި މިހާރުގެ މޭޔަރުގެ އަމަލުތައް ހުރީ ސަރުކާރުގެ ތަރައްޤީގެ ތަސައްވުރާ ފުށުއަރާ ގޮތަށް ކަމަށާއި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދެވޭނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ މޭޔަރަކު ހުރެގެން ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓަކު ހޮވުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް



