ކަޅުބާޒާރުގައި ޑޮލަރު މާރުކުރުމަކީ ޖިނާއީ ކުށެއް، ގާނޫނު ތަންފީޒުކުރަން ފަށައިފި: މިނިސްޓަރު އިޙްސާން

ކަޅުބާޒާރުގައި ޑޮލަރު މާރުކުރުމަކީ ޖިނާއީ ކުށެއް، ގާނޫނު ތަންފީޒުކުރަން ފަށައިފި: މިނިސްޓަރު އިޙްސާން

2 hours ago - 13:10

ގާނޫނާއި ގަވާއިދާ ޚިލާފަށް ހުއްދަ ނުނަގައި ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު މާރުކުރުމަކީ ޖިނާއީ ކުށެއް ކަމަށާއި، އެފަދަ ފަރާތްތަކާ ދެކޮޅަށް ގާނޫނު ތަންފީޒުކުރަން ފަށާފައިވާ ކަމުގެ އިންޒާރު ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިޙްސާން ދެއްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، ރާއްޖޭގައި ހުއްދަ ނުނަގައި ޑޮލަރު މާރުކުރުމަކީ ގިނަ ބަޔަކު އާދައިގެ ކަމެއްގެ ގޮތުގައި ދެކެމުން އައި ނަމަވެސް، އެއީ ރާއްޖޭގެ ގާނޫނުތަކުގައި ސީދާ ޖިނާއީ ކުށެއް ކަމަށެވެ. އަދި މި އަމަލުގެ ތެރޭގައި ވަކިވަކި ފަރުދުން ވެސް ޝާމިލުވާކަން ފާހަގަކުރައްވައި، ނޭނގި ތިބެގެން ނަމަވެސް މިފަދަ ޖިނާއީ ކުށްތަކުގެ ތެރެއަށް ނުވަނުމަށް އެންމެހައި ފަރާތްތަކަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.


މިނިސްޓަރު އިތުރަށް ވިދާޅުވީ، ބޭރު ފައިސާގެ މުއާމަލާތްތައް ހިންގަންވާނީ އެކަމުގެ ހުއްދަ އޮންނަ ލައިސެންސް ލިބިފައިވާ ތަންތަނުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓުގައި ކަމަށެވެ. އަދި ހުއްދަ އޮންނަ މަނީ އެކްސްޗޭންޖްތަކުން ވެސް ކަނޑައެޅިފައިވާ ރޭޓަށްވުރެ ބޮޑުކޮށް މުއާމަލާތްކުރާނަމަ، އެމްއެމްއޭގެ ގަވާއިދުގެ ދަށުން ކޮންމެ މުއާމަލާތަކަށް އެވްރެޖްކޮށް ފަސް ލައްކަ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އުސޫލުތައް ގާނޫނުގައި އެބައޮތް ކަމަށް ވިދާޅުވިއެވެ.


ފާއިތުވި ދުވަސްތަކުގައި މި ގާނޫނުތައް ތަންފީޒު ނުކުރެވި އޮތުމަކީ އެއީ ދާއިމަށް އޮންނާނެ ސަގާފަތެއް ނޫން ކަމަށް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު މި ގާނޫނުތައް ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ. މިގޮތަށް ފިޔަވަޅު އަޅަން ފެށީ ޑޮލަރުގެ މާކެޓް އާދައިގެ ބާޒާރުގެ އުސޫލުތަކުން ބޭރުން ގަސްތުގައި މެނިޕިއުލޭޓްކޮށް، ސިޔާސީ ބަޔަކު މިކަމުގެ ތެރެއަށް ވަދެ ނާޖާއިޒު މަންފާ ހޯދަން މަސައްކަތްކުރަމުންދާކަން ފާހަގަކުރެވިފައިވާތީ ކަމަށް މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow