
އެމްޑީޕީގެ އިވެންޓް ބާއްވަން ސަލްޓަންޕާރކް ދީފި
ކުރީގެ ރައީސް, ރައީސް މުޙައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ އިސް ބޭފުޅުން އެމްޑީޕީއަށް ސޮއިކުރުމުގެ ރަސްމިއްޔާތާއި, އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ އިވެންޓް ބާއްވާނެ ތަނެއް ސަރުކާރުން ނުދިންކަމަށް ބުނެފައިވަނިކޮށް, ސަލްޓަންޕާރކް އެމްޑީޕީއަށް ދޭން ސަރުކާރުން ނިންމައިފިއެވެ.
ސަލްޓަންޕާކަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ތަނެއް ނަމަވެސް, އެތަން މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިގެން ސިޓީ ކައުންސިލުން ވަނީ ސަލްޓަންޕާކް އެމިނިސްޓްރީއާ ހަވާލުކޮށްފައެވެ. ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.އަބްދުالله މުއްޠަލިބު މިރޭ އެކްސްގައި ވިދާޅުވީ ސަލްޓަން ޕާކަކީ މަރާމާތުކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިގެން މާލޭ ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވާ ތަނަކަށްވާތީ އެތަން މިމިނިސްޓްރީން މިހާތަނަށް ކުއްޔަށް ދީފައިނުވާނެ ކަމަށެވެ. އަދި ކުއްޔަށް ދިނުމަށް އުޞޫލެއް ކަޑައަޅާފައިވެސް ނުވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން މިފަދަ ނިންމެވުމެއް ނިންމަވާފައި މިވަނީ ސަރުކާރުން ތަނެއް ނުދިން ކަމަށާއި, ނުދީފިނަމަ މުލީއާގެ ކަންމަތީގައި އިވެންޓް ބާއްވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް ވިދާޅުވެފައި ވަނިކޮށެވެ. އަދި އޭގެފަހުން ސަރުކާރުގެ އިސްތަރުޖަމާނު ހީނާ ވަލީދު ވަނީ ކުރިން އެންގުމެއް ނެތި ސިޔާސީ ހަރަކާތް ބޭއްވޭނެ ތަންތަން ހުރިކަމަށް ބުނެ އެކްސްގައި ޖަވާބުގެ ޓްވީޓެއް ކުރައްވާފައެވެ.
ރިއެކްޝަންސް






