ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމުގެ ހުވާ އަބްދުﷲ ސޯދިގު ކުރައްވައިފި

ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމުގެ ހުވާ އަބްދުﷲ ސޯދިގު ކުރައްވައިފި

11 hours ago - 12:35

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)، މެންބަރުކަމުގެ ގާނޫނީ ހުވާ މިއަދު ކުރައްވައިފިއެވެ.


މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ސޯދިގަށް މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސައިން ޝަހީދު އެވެ. ހުވާކުރެއްވުމަށްފަހު، ސޯދިގު ވަނީ މެންބަރުކަމުގެ އިގުރާރުގައި ސޮއިކުރައްވާފައެވެ.


މި ރަސްމިއްޔާތަށްފަހު ސޯދިގު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ފަށްޓަވާފައެވެ. ޖަލްސާ ފެއްޓެވުމުގެ ގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ހިތަދޫ އުތުރު ދާއިރާގެ އައު މެންބަރަށް މަރުހަބާ ދަންނަވާފައެވެ.


ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތުމުގެ ސަބަބުން، މެންބަރުކަމުގެ ޝަރުތު އުނިވުމާ ގުޅިގެންނެވެ. މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ސޯދިގު މި ގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު އަހްމަދު ސައީދުއާ ވާދަކޮށްގެންނެވެ.


އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ރަސްމީ ނަތީޖާއަށް ބަލާއިރު، ސޯދިގު އިންތިޚާބު ކާމިޔާބު ކުރެއްވީ 1,375 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 51.15 އިންސައްތައެވެ. ސަރުކާރު ކެންޑިޑޭޓު ސައީދަށް ލިބިވަޑައިގަތީ 1,313 ވޯޓެވެ. އެއީ 48.85 އިންސައްތައެވެ. ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތީ 62 ވޯޓުގެ ފަރަގެކެވެ.


އަބްދުﷲ ސޯދިގު މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރެއްވުމާއެކު، 93 މެންބަރުން ހިމެނޭ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ މެންބަރުންގެ އަދަދު މިހާރު ވަނީ 13 އަށް އިތުރުވެފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow