އަހަރީ އޮޑިޓް ރިޕޯޓް ހުށަނާޅާ ސިޔާސީ ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފި

އަހަރީ އޮޑިޓް ރިޕޯޓް ހުށަނާޅާ ސިޔާސީ ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފި

2 hours ago - 08:39

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އަހަރީ އޮޑިޓް ރިޕޯޓް ހުށަނާޅާ ސިޔާސީ ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފިއެވެ.


ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކޮށް، އެ ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަން ޖެހެއެވެ. ނިމިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވެފައިވަނީ މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހަށެވެ.


އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓް ހުށަހަޅާފައިވަނީ އެންމެ ހަތަރު ޕާޓީއަކުންނެވެ. އެއީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ)، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)، ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) އަދި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީ.އެން.އެފް) އެވެ.


މުއްދަތު ހަމަވިއިރުވެސް އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ) އިން އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާތީ، އެ ދެ ޕާޓީ މިހާރު ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ވީ އެންމެ އަވަހަކަށް ރިޕޯޓް ހުށަހެޅުމަށް ވެސް އެ ޕާޓީތަކަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، އިދިކޮޅު އެންމެ ބޮޑު ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ރިޕޯޓް ހުށަހަޅާފައިވަނީ މުއްދަތު ހަމަވި ފަހުން، ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ.


ގާނޫނުގައިވާ ގޮތުން، އޮޑިޓް ރިޕޯޓް 90 ދުވަހުގެ ތެރޭގައި ހުށަނާޅާ ޕާޓީތައް 50،000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އިހުތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ. ޖޫރިމަނާކުރަން ނިންމާތާ 15 ދުވަހުގެ ތެރޭގައި އެކަން ޕާޓީއަށް އަންގަންޖެހޭއިރު، އެންގުން ލިބޭތާ އެއް މަސްދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަންޖެހެއެވެ. މި ފައިސާ ނުދައްކައިފިނަމަ، ޖެހިގެން އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރާ ފައިސާގެ އެހީގެ ތެރެއިން އެ އަދަދު އުނިކުރެވޭނެއެވެ.


ޕާޓީތަކުން ހުށަހަޅާ އޮޑިޓް ރިޕޯޓްތަކާ މެދު އޮޑިޓަރ ޖެނެރަލް ދެކޭގޮތާއި ރިކޮމެންޑޭޝަންތައް، ރިޕޯޓް ލިބޭތާ އެއް މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow