ޅ. ނައިފަރު ބިން ހިއްކުމުގެ ބިޔަ މަޝްރޫއުގެ މަސައްކަތް ނިންމާލައިފި

ޅ. ނައިފަރު ބިން ހިއްކުމުގެ ބިޔަ މަޝްރޫއުގެ މަސައްކަތް ނިންމާލައިފި

2 hours ago - 08:52
Advertisement
Advertisement

ޅ. ނައިފަރުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި އެ ރަށުން 45 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.


މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނައިފަރަށް ކުރެއްވި ދަތުރުފުޅެއްގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވި މަޝްރޫއެކެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން މިހާރު ވަނީ ކަނޑައެޅިފައިވާ 45 ހެކްޓަރުގެ ބިން އެއްކޮށް ހިއްކާ ނިންމާފައެވެ.


ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 24 އިންސައްތަ މިހާރު ނިމިފައިވާއިރު، މި މަޝްރޫއުގެ ދަށުން 1,813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށިލުމުގެ އިތުރުން 474 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.


ނައިފަރަކީ 5,800 އަށްވުރެ ބޮޑު އާބާދީއެއް އޮތް، ނަމަވެސް ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ. މީގެ ކުރިން 2004 ވަނަ އަހަރުވެސް އެ ރަށުން 16 ހެކްޓަރުގެ ބިން ހިއްކާ، އެ ސަރަހައްދުގައި ހައުސިންގ ޔުނިޓުތައް ވަނީ ތަރައްޤީކޮށްފައެވެ. މިހާރު 55 ހެކްޓަރުގެ ބޮޑުމިން ހުރި ނައިފަރަކީ ސަރުކާރުން "އަރބަން ސެންޓަރެއް"ގެ ގޮތުގައި ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ރަށެކެވެ.


ފުރަތަމަ މި މަޝްރޫއުގެ ދަށުން 21 ހެކްޓަރު ހިއްކުމަށް ނިންމާފައި އޮތް ނަމަވެސް، ނައިފަރަކީ ސަރަހައްދީ ފެންވަރުގައި ތަރައްޤީކޮށްފައިވާ އިޤްތިޞާދީ އަދި އިޖުތިމާޢީ މަރުކަޒަކަށް ހެދުމަށްޓަކައި، ސަރުކާރުން ވަނީ ހިއްކާ ބިމުގެ މިންވަރު 45 ހެކްޓަރަށް އިތުރުކޮށްފައެވެ. މި އައު ބިމާއެކު ނައިފަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބި، ރަށުގެ އިޤްތިޞާދީ ހަރަކާތްތައް ފުޅާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement