
ބޯކޮށް ވާރޭވެހި ވައި ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނަށް ރީނދޫ ސަމާލު ނެރެފި
ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ ދެ އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓްއޮފީހުން ބުނިގޮތުގައި މި އެލާޓް ދެމިއޮންނާނީ މިއަދު މެންދުރުފަހު 14.30 އިން ފެށިގެން އިރުއޮއްސި 18.30 އާ ހަމައަށެވެ.
އައްޑު އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީ ހިމެނޭ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
މުޅި ރާއްޖެއަށް ބަލާއިރު، މިއަދު އިރުއޮއްސެންދެން ވިއްސާރަވެ ގުގުރުމާއެކު ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 19 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މިއަދުގެ މިވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށާއި، އަދި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.
އެހެންކަމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކަށް މޫސުމަށް ބަލައިގެން ކަނޑު ދަތުރުފަތުރު ކުރެއްވުމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވައެވެ.
ރިއެކްޝަންސް






