
ނޮވެމްބަރު 11 ން ފެށިގެން ޑެބިޓް ކާޑްތަކުން ކެނޑޭވަރު 1000 ޑޮލަރަށް އިތުރުކުރަނީ
ނޮވެމްބަރު 11 ން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑްތަކުން ކެނޑޭވަރު 1000 ޑޮލަރަށް އިތުރުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މ.މުލީގައި ވާހަކަދައްކަވަމުންނެވެ.
ނޮވެމްބަރު 11 އަކީ ބީއެމްއެލްގެ އަހަރީ ދުވަހެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާދެއްކޭ އަދަދު އެއްހާސް ޑޮލަރަށް އިތުރުކުރަން ނިންމާފައިވާކަމަށެވެ. މީގެ އިތުން އެއާލައިންތަކުން ޓިކެޓްގަތުމާއި، ރާއްޖެއިން ބޭރުން ހޮޓާތަކަށް ފައިސާދެއްކޭ އަދަދު ތިންހާސް ޑޮލަރަށް އިތުރުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާފަރާތްކަށް، ބޭންކުގައި އެދުމުން އެ ފައިސާ ހޮސްޕިޓަލްތަކަށް ޑެބިޓްކާޑް މެދުވެރިކޮށް، ދެއްކޭނެ އިންތިޒާމް ހަޖެހިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޗައިނާ ފައިސާ، ޔޫއާން އިން އެކައުންޓް ހުޅުވޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސްއިން އިއްޔެ ހަމަޖެއްސިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޗައިނާގެ ފައިސާގެ އެކައުންޓްތަކަށް ޚާއްޞަ، އަދި 180 އަށް ވުރެ ގިނަ ޤައުމުގައި ބޭނުންކުރެވޭ ކާޑެއް ކަމަށްވާ، ޔޫނިއަން ޕޭ ގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފުކުރެވިގެންދާނެ ކަމަށެވެ.
މިކަންކަމުގެ ސަބަބުން އަގުބޮޑުކޮށް ޑޮލަރުގަތުމުގެ މައްސަލައަށް ހައްލުލިބި، ރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ ހެޔޮ ނަތީޖާ ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް






