
40 ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓާނަން- ރައީސް
40 ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމް ބަހައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކަތޮޅު މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ޑޮލަރު އޭޓީއެމް ބަހައްޓަނީ ރާއްޖޭގެ ހަތް އާރބަން ސެންޓަރުގެ ތެރެއިން މިހާރު ޑޮލަރު އޭޓީއެމް ނެތް ސަރަހައްދާއި، ޑޮލަރު އޭޓީއެމްނެތް ސިޓީތަކުގެ އިތުރަށް ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތަކުގައެވެ. ޖުލުމަ 40 ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ބޭންކް އޮފް މޯލްޑިވްސް އަށް މިހާރު އަންގަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މަސައްކަތް ބޭންކް އޮފް މޯލްޑިވްސް އިން އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ ރުފިޔާ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް މެދުނުކެނޑި ސަރުކާރުން ދަނީ ކުރިއަށް ގެންދަމުންނެވެ. ރާއްޖޭގެ ގިނަ އަތޮޅުތަކެއްގެ ހުރިހާ ރަށެއްގައި މިހާރުވެސް މިޚިދުމަތް ވަނީ ފައްޓަވާފައެވެ.
ރިއެކްޝަންސް






