މައްސަލަ ބޮޑު ދަނޑިވަޅެއްގައި ދާޚިލީ ވަޒީރާއި ބަންލަދޭޝްގެ ސަފީރު ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ދާޚިލީ ވުޒާރާގައި
ބަންގަލަދޭޝް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ރިއާ އެޑްމިރަލް އެސް.އެމް. އަބްދުލްކަލާމް އާޒާދު ދާޚިލީ ވަޒީރު އަލީ އިޙްސާނުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެނދުރުފަހުގެ ވަގުތެއްގައި ދާޚިލީ ވުޒާރާގައި ކަމަށް އެ ވުޒާރާއިން ވަނީ މައުލޫމާތު ދެއްވާފައެވެ.
އެހެން ނަމަވެސް މި ބައްދަލުވުމާ ގުޅޭ ގޮތުން ދާޚިލީ ވުޒާރާއިން އެއްވެސް މައުލޫމާތެއް މީޑިއާތަކާ ޙިއްސާ ކުރައްވާފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންގަލަދޭޝްގެ ސަފީރުގެ މި ބައްދަލުވުމަކީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރު ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމުގެ ކުރިން ދާޚިލީ ވަޒީރުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތެކެވެ.
ރާއްޖޭގައި ހުންނަވާ ބަންގަލަދޭޝްގެ ސަފީރު ވަޒީރު އިހުސާނާ ބައްދަލުކުރައްވާފައި މިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ދާޚިލީ ވުޒާރާއިން ފުޅާ ދާއިރާއެއްގެ މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
އަދި ހައިކޮމިޝަނަރާއި ދާޚިލީ ވަޒީރުގެ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި މިވަނީ ގަވާއިދާ ޚިލާފްވެގެން ހައްޔަރު ކުރެވޭ ބިދޭސީންގެ ތެރޭގައި ބަންގަލަދޭޝްއަށް ނިސްބަތްވާ މީހުން ގިނަ ދަނޑިވަޅެއްގައެވެ.
ރާއްޖޭގައި މަސައްކަތްކުރާ އަންސްކިލްޑް ލޭބަރުންގެ ތެރޭގައި އެންމެ ގިނައީ ބަންގަލަދޭޝްގެ ރައްޔިތުންނެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހިފައި ހައްޔަރު ކުރުމަށް ސަރުކާރުން ހިންގަމުން އަންނަ އޮޕަރޭޝަން ތަކުގައި ބަންގަލަދޭޝްއަށް ނިސްބަތްވާ މީހުންނާ ގުޅޭ ސީރިއަސް މައްސަލަތަކެއް މިހާތަނަށް އަންނަނީ ފެންމަތި ވަމުންނެވެ.
ރިއެކްޝަންސް