އިސްތިއުފާގެ ސިޓީއެއް ނުލިބޭ, މަޖިލިހުގައި ވޯޓް ނަގާ ޕީޖީގެ މަގާމުން ޝަމީމް ވަކިކޮށްފި
މަޖިލިހުން ވޯޓަށް އެހީ އިސްތިއުފާދެއްވިކަން މަޖިލިހަށް އަންގަވާފައި ނުވާތީ
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މަގާމުން އިސްތިއުފާދެއްވިކަން އިއުލާނު ކުރެއްވި ނަމަވެސް އެސިޓީ ރައްޔިތުންގެ މަޖިލިހަށް ލިބިފައި ނުވާތީ, މަޖިލިހުގެ މެމްބަރުންގެ ވޯޓުން ފާސްކޮށް ޝަމީމް މަގާމުން ވަކިކުރައްވައިފި އެވެ.
މަޖިލިހުގެ ތަޅުމުގައި ވޯޓަށް އެހުމާ ހަމައަށްވެސް ޕީޖީގެ މަގާމުން ހުސައިން ޝަމީމް އިސްތިއުފާދެއްވިކަން ރައްޔިތުންގެ މަޖިލިހަށް އަންގަވާފައި ނުވާތީ ރިޔާސަތުން މަޖިލިހުގެ ނަިއބުރައީސް ވޯޓަށް އެއްސެވިއެވެ. ހުސައިން ޝަމީމް މަގާމުން ވަކިކުރެއްވުމަށް ފާސްކުރީ 65 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓް ދެއްވީ 9 މެމްބަރުންނެވެ. އަދި ވަކިގޮތަކަށް ވޯޓް ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ. ރައްޔިތުންގެ މަޖިލިހުގެ މިދައުރުގެ ފަހު ޖަލްސާ މިރޭ ކުރިއަށް ގެންދެވީ ހަމައެކަނި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމެވުމަށެވެ. މިއަދު އޮތް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައި އޮތީ ޝަމީމް މަގާމުން ވަކިކުރެއްވުމަށެވެ. އެގޮތަށް ކޮމިޓީން ފާސްކުރެއްވީ ކޮމިޓީގައި ހުސައިން ޝަމީމަށް ޖަވާބުދާރީ ވުމުގެ ފުރުޞަތު ދެއްވުމަށްފަހުއެވެ. ނަމަވެސް އެކޮމިޓީ ސިއްރު ކުރުމުން ހުސައިން ޝަމީމް ވަނީ ނުރުހުން ފާޅުކުރައްވާ ނޫސްވެރިންގެ ބައްދަލުވުމެއްވެސް މިއަދު ބާއްވާފައެވެ.
މިރޭ ބޭއްވ ޖަލްސާގައި ކޮމިޓީގެ ރިޕޯރޓް ހުށަހަޅުއްވަމުން ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކް ވިދާޅުވީ ހުސައިން ޝަމީމް މަގާމްގެ މަސްއޫލިއްޔަތާ އެކަށީގެންނުވާ ގޮތަށް އަމަލުކުރައްވާފައިވާ ކަމަށެވެ. ކޮމިޓީއަށް ފޮނުއްވަން އެދުނު ލިޔެކިޔުންތައްވެސް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ޕީޖީ އޮފީހުން ފޮނުއްވައިދީފައި ނުވާކަމަށްވެސް ވިދާޅުވިއެވެ. ޕީޖީ ޝަމީމް ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމެވީ ޝަމީމް ޖަވާބުދާރީ ވުމަށް ދެއްކެވި ވާހަކަތަކަށްވެސް ރިއާޔަތް ކުރެއްވުމަށްފަހު ކަމަށް ކޮމިޓީގެ މުގައްރިރު ވިދާޅުވިއެވެ.
މަޖިލިހުގެ ތަޅުމުގައި ބަހުސަށް ހުޅުވާލެއްވުމުން އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ވިދާޅުވީ މިއަދު ކޮމިޓީ ބޭއްވީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެކޮމިޓީއަކީ ސިއްރު ކުރެވޭނެ ބައްދަލުވުމެއް ނޫންކަމަށް ވިދާޅުވިއެވެ. ނަމަވެސް ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކް ވިދާޅުވީ ކޮމިޓީ ބޭއްވި އުސޫލުތަކާއި, ގަވާއިދާ އެއްގޮތަށް ކަމަށެވެ. ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން ފާސްކުރެއްވުމަށްފަހު މަޖިލިސް ޗުއްޓީއަށް ދިޔަކަން އިއުލާންކުރައްވާ ރިޔާދަތުން ނައިބުރައީސް އަހުމަދު ނާޒިމް ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.
ރިއެކްޝަންސް