އިތުބާރު ނެތްކަމުގެ ވޯޓް ނަގަން ކުޑަތަންވެފައި ވަނިކޮށް, ޕީޖީ ހުސައިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފި
ޕީޖީ ހުސައިން ޝަމީމް ކޮމިޓީގައި: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

އިތުބާރު ނެތްކަމުގެ ވޯޓް ނަގަން ކުޑަތަންވެފައި ވަނިކޮށް, ޕީޖީ ހުސައިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފި

އިސްތިއުފާ ދެއްވީ މަޖިލިހުން ވަކިކުރެއްވުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް

25 days ago - 21:20
Aug 22, 2024 - 22:02
Advertisement

މަޖިލިހުގެ ތަޅުމުގައި އިތުބާރު ނެތްކަމުގެ ވޯޓް ނަގަން ކުޑަތަންވެފައި ވަނިކޮށް, ޕީޖީގެ މަގާމުން ހުސައިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޕީޖީ ހުސައިން ޝަމީމް މަގާމުން އިސްތިއުފާދެއްވީ ރައްޔިތުންގެ މަޖިލިހުގައި މިރޭ ޖަލްސާއެއް ތާވަލްކޮށް, އެޖަލްސާއަށް ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން ތާވަލްކޮށް ބަހުސް ހިނގަމުން ދަނިކޮށެވެ. މަޖިލިހުގެ ތަޅުމަށް މައްސަލަ ހުށަހެޅީ މިއަދު ކޮމިޓީ ބައްދަލުވުން ބާއްވާ, އެކޮމިޓީން ޝަމީމް ވަކިކުރަން ފާސްކުރެއްވުމަށްފަހު އެވެ. މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ޝަމީމް ވަކިކުރަން ފެންނަކަމަށް ނިންމެވީ މިއަދު މެންދުރު ބޭއްވި ކޮމިޓީ ޖަލްސާގައެވެ. ޕީޖީ ހުސައިން ޝަމީމަށް ޖަވާބުދާރީ ވުމުގެ ފުރުޞަތު ދިނީވެސް އެބައްދަލުވުމުގައެވެ. ކޮމިޓީން ޝަމީމް ވަކިކުރަން ފެންނަ ކަމަށް ކޮމިޓީގެ އަގްލަބިްޔަތުން ފާސްކުރީ ޕީޖީ ހުސައިން ޝަމީމް ޖަވާބުދާރީ ވެވަޑައިގެންނެވި ފަހުންނެވެ. 

ކޮމިޓީގެ ރިޕޯރޓް މަޖިލިހުގެ ތަޅުމަށް އިއްވަވަމުން އެކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވީ ޕީޖީ ހުސައިން ޝަމީމް މަގާމްގެ މަސްއޫލިއްޔަތާ އެކަށީގެންނުވާ ގޮތަށް އަމަލުކުރައްވާފައިވާ ކަމަށެވެ. ކޮމިޓީއަށް ފޮނުއްވަން އެދުނު ލިޔެކިޔުންތައްވެސް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ޕީޖީ އޮފީހުން ފޮނުއްވައިދީފައި ނުވާކަމަށްވެސް ވިދާޅުވިއެވެ. ޕީޖީ ޝަމީމް ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމެވީ ޝަމީމް ޖަވާބުދާރީ ވުމަށް ދެއްކެވި ވާހަކަތަކަށްވެސް ރިއާޔަތް ކުރެއްވުމަށްފަހު ކަމަށް ކޮމިޓީގެ މުގައްރިރު ވިދާޅުވިއެވެ.

މަޖިލިހުގެ ތަޅުމުގައި ބަހުސަށް ހުޅުވާލެއްވުމުން އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ވިދާޅުވީ މިއަދު ކޮމިޓީ ބޭއްވީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެކޮމިޓީއަކީ ސިއްރު ކުރެވޭނެ ބައްދަލުވުމެއް ނޫންކަމަށް ވިދާޅުވިއެވެ. ނަމަވެސް ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކް ވިދާޅުވީ ކޮމިޓީ ބޭއްވި އުސޫލުތަކާއި, ގަވާއިދާ އެއްގޮތަށް ކަމަށެވެ.

Advertisement

މަޖިލިހުގެ ތަޅުމުގައި ވޯޓަށް އެހުމާ ހަމައަށްވެސް ޕީޖީގެ މަގާމުން ހުސައިން ޝަމީމް އިސްތިއުފާދެއްވިކަން ރައްޔިތުންގެ މަޖިލިހަށް އަންގަވާފައި ނުވާތީ ރިޔާސަތުން މަޖިލިހުގެ ނަިއބުރައީސް ވޯޓަށް އެއްސެވިއެވެ. ހުސައިން ޝަމީމް މަގާމުން ވަކިކުރެއްވުމަށް ފާސްކުރީ 65 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓް ދެއްވީ 9 މެމްބަރުންނެވެ. އަދި ވަކިގޮތަކަށް ވޯޓް ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement