ހިސާބު ބެލެހެއްޓުމުގައި މިދިޔަ ސަރުކާރުން ގޯސްހަދާފައިވޭ- މިނިސްޓަރ ޒަމީރު
ހިސާބު ބެލެހެއްޓުމުގައި މިދިޔަ ސަރުކާރުން ގޯސްހަދާފައިވާކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރ ޒަމީރު ވިދާޅުވީ ކުރިން ފިނޭންސް މިނިސްޓްރީން ޢާއްމުކުރަމުން އަންނަ ޚަރަދުތަކުގެ ތަފްސީލް ހާމަކުރުން ހުއްޓިފައިވަނީ އެފަދަ ގޯސްތަކެއް ފާހަގަކުރެވި އެކަން ބަލަން ކަމަށެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުންވެސް އެކަން ބަލާ ރިޕޯރޓެއް އެކުލަވާލަމުން ދާކަމަށް ވިދާޅުވިއެވެ. އަދި އެރިޕޯރޓް ނިމުމުން ޚަރަދުތަކުގެ ރިޕޯރޓްތައްވެސް ޢާއްމުކުރަން ފައްޓަވާނެ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
ބަންޑާރަ ނައިބު އަހުމައު އުޝާމު ވިދާޅުވީ މިދިޔަ ސަރުކާރުން ފައިސާ ޚަރަދު ކުރުމުގައި ޤާނޫނާއި, މާލިއްޔަތު ޤަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ. މިދިޔަ ސަރުކާރުން ގޯސްކަން ކުރި ކަންކަން ފާހަގަކުރައްވާ ފިނޭންސް މިނިސްޓަރާއި ބަންޑާރަ ނައިބު ވިދާޅުވީ ބޭރުން މަޝްރޫއުތައް ހިންގުމަށް ދޭ ފައިސާ ރެކޯޑުނުކޮށް ޖެހިގެން އަންނަ އަހަރު ރެކޯޑުކުރަމުން ގެންދިޔަ ކަމަށެވެ. މިއީ ޤާނޫނު އަސާސީއާ މާލިއްޔަތު ޤާނޫނާ ހިލާފް ކަމެއް ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އެކަންކަން ބައްލަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މަޝްރޫއުތައް ހިންގަން ބޭރުން ދިން ފައިސާގެ ތެރެއިން 2 ބިލިއަނެއްހާ ރުފިޔާ ނިމުނު އަހަރު ރެކޯޑުކޮށްފައި ނެތްކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން މަޝްރޫއުތަކަށް ކުދި އަދަދުތަކުން ފައިސާ ޖެހުމަށްފަހު، އެޑްވާންސް ޕޭމެންޓު ދިނުމަށްފަހު ބަޖެޓުގައި ނެތް ޖާގައަކުން އެ ޚަރަދުތައް ހަމަޖައްސަން މަޖުބޫރުވާނެހެން މާލީ ހިސާބުތައް ބެލެހެއްޓި ކަމަށް ވިދާޅުވިއެވެ. މިދިޔަ އަހަރު ބިލުކުރި 3 ބިލިއަނެއްހައި ރުފިޔާ މި އަހަރުގެ ކޭޝްފްލޯއިން ހަމަޖައްސަންޖެހުނު ކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. ބަޖެޓު ތައްޔާރުކުރާއިރު ޖެހިގެން އަންނަ އަހަރު ހިނގާނެކަން އެނގޭ ހަރަދުތައް ބަޖެޓުގައި ހިމަނާފައިނުވާ ކަމަށާއި, ކޮންފަމޭޝަން ވަގުތުގެ ބޭނުންކޮށްގެން ޑިސްބާސްމެންޓު ކޯޑުން ފައިސާ ނަގައިގެން އެހެން ކަންކަމަށް ހަރަދުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ބަންޑާރަނައިބު ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުރުމުގައި ހަދާފައިވާ ވަރަށްބޮޑަތި ގޯސްތަކަކީ ނުބަލާ ދޫކޮށްލެވޭނެ ކަންކަން ނޫން ކަމަށެވެ. ބަޖެޓްގައި ނުޖަހާ މިސަރުކާރުން ފެށި ރަސްމާލެ ޕްރޮޖެކްޓާއި, ޑްރޯން ގަތުމަށް ކުރި ހޭދައަކީ ޤާނޫނުތަކާއި, އުސޫލުތަކުގެ ތެރެއިން ކުރި ޚަރަދުތައް ކަމަށް ފިނޭންސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
ރިއެކްޝަންސް