އެމްޕީއެލްގެ ޑީސަލް ޚިޔާނާތުގެ މައްސަލައިގައި ދެ މީހަކު ޖަލަށްލުމަށް ޙުކުމްކޮށްފި
މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކަށް ބޭނުންކުރުމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގަތް ޑީސަލަށް ޚިޔާނާތްތެރިވި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މާލޭ ކޮމާޝަލް ހާބަރުގައި ހިންގާ އޮޕަރޭޝަންތަކަށް 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އެފްއެސްއެމް އިން އެމްޕީއެލްއަށް ތެޔޮ ގަތުމުގެ މުޢާމަލާތްތަކުގެ ތެރެއިން ހިންގި މި ކޮރަޕްޝަންގެ މައްސަލައިގައި ދަޢުލަތުން ދަޢުވާ އުފުލީ ޖުމްލަ ތިން މީހެއްގެ މައްޗަށެވެ. އެއީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ޗީފް މެނޭޖަރު ސ. ފޭދޫ/ ވާރުގެ، މުޙައްމަދު އައިމަން އާއި، އެ ޑިޕާޓްމަންޓުގެ އެސިސްޓަންޓް މެނޭޖަރު ސ. މަރަދޫ/ އާޒާދުގެ، ޙަސަން ދީދީގެ އިތުރުން އެފްއެސްއެމްގެ ތެޔޮ ބައުޒަރު ޑްރައިވަރެއްގެ ވަޒީފާގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބްގެ މައްޗަށެވެ. މި ތިން މީހުންގެ ތެރެއިން ޙަސަން ދީދީގެ މައްޗަށް ދަޢުލަތާއެކު ވެވުނު އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން މީގެ ކުރިން ވަނީ ޙުކުމްކޮށްފައެވެ.
މި މައްސަލައިގައި ހިމެނޭ އައިމަން އަދި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބްގެ މައްޗަށް ދަޢުލަތުން އުފުލީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ކުށުގެ ދަޢުވާއެވެ.
މި ދެ މީހުންގެ މައްޗަށް މި ދަޢުވާތައް އުފުލާފައިވަނީ، އެމީހުންގެ ވަޒީފާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، 13 ޖަނަވަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް އެމްޕީއެލްއަށް ލިބިފައިނުވާ ތެޔޮ ލިބުނުކަމަށް ދެއްކުމަށް 119 ޑެލިވަރީ ނޯޓެއް ތައްޔާރުކޮށް، ސޮއިކޮށް، ސިސްޓަމް ތެރެއިން ޕްރޮސެސްކޮށްފައިވާތީއެވެ. މިގޮތުން އެމްޕީއެލްއަށް ލިބިފައިނުވާ ޖުމްލަ 783،100 ލީޓަރުގެ ޑީސަލް ލިބުނު ކަމަށް ދައްކައި، އެ ތެލުގެ އަގަށްވާ 6،799،800ރ. (6.8 މިލިއަން ރުފިޔާ) ވަނީ އެފްއެސްއެމްއަށް ދައްކައި ޚިޔާނާތްތެރިވެފައެވެ.
ކްރިމިނަލް ކޯޓުން މިއަދު ނިންމެވި ނިންމެވުމުގައި އައިމަންގެ މައްޗަށް ދަޢުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 8 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ވަނީ ޙުކުމްކޮށްފައެވެ. އަދި ޚިޔާނާތްތެރިވި ޑީސަލްގެ އަގަށްވާ 6.8 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދަޢުލަތަށް ދެއްކުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ސޮޖިބްގެ މައްޗަށްވެސް މި މައްސަލައިގައި ޚިޔާނާތާއި ޞައްޙަނޫން ލިޔުން އުފެއްދުމުގެ ކުށް ވަނީ ސާބިތުވެފައެވެ.
ރިއެކްޝަންސް





