
12 މައްސަލައެއްގައި މިލިއަނެއްހާ ރުފިޔާގެ ސްކޭމްގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކުރީ މުދާ ސަޕްލައިކޮށްދިނުމަށް އެދި ފޯނުން ގުޅައިގެން ވާހަކަ ދައްކައި، މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައިގައި ކަމަށެވެ. ތަހުގީގާ ހަވާލާދެއްވާ ފުލުހުން ވިދާޅުވީ މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ޝިހާން ޝިޔާމް މީހަކަށް ގުޅައި މުދާ ސަޕްލައިކޮށްދިނުމަށް އެދި ވާހަކަ ދައްކައި، މަކަރާއި ހީލަތުން 30،000 އަށް ވުރެ ގިނަ ރުފިޔާ އެ މީހާގެ އަތުން ހޯދާފައިވާ ކަމަށެވެ.
ޝިހާން ޝިޔާމް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރުމާއި އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން ފައިސާ ފޭރުން ފަދަ 12 މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދާކަމަށް ވިދާޅުވިއެވެ. އެ 12 މައްސަލައިގައި، މަކަރާއި ހީލަތުން ހޯދާފައިވާ 380،000 އަށް ވުރެ ގިނަ ރުފިޔާ އޭނާގެ އަކައުންޓުގައި ދައުރުކޮށްފައިވާކަށް ފުލުހުން ވިދާޅުވިއެވެ. އެ 12 މައްސަލައިގެ ޖުމުލަ ފައިސާގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް ވެސް ތަހުގީގާ ހަވާލާދެއްވާ ފުލުހުން ވިދާޅުވިއެވެ.
ޝިހާން ޝިޔާމް ހައްޔަރުކުރީ އެންޓި-ސްކޭމް ސެންޓަރާއި ސ. ހިތަދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުއެވެ. މި އޮޕަރޭޝަނަކީ، އެކި ދުވަސްމަތިން ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






