
ރަމަޟާން މަހު މަސްޖިދުލް އަޤްޞާ ހިމާޔަތް ކުރަން ހަމާސްއިން ފަލަޞްޠީނުގެ ރައްޔިތުންނަށް ގޮވާލައިފި
ފަލަޞްޠީނުގެ މުޖާހިދުންގެ ގްރޫޕް, ހަމާސްއިން ފަލަޞްޠީނުގެ ރައްޔިތުންނަށް އަލް-އަޤްސާގެ މާތް ބިމައް ދަތުރުކޮށް ރޯދަމަހު އެތަނުގައި މަޑުކޮށް އަލް-އަޤްޞާ ދިފާއުކުރަން ގޮވާލާފިއެވެ. އެޖަމާއަތުން ނެރުނު ބަޔާނުގައި ފަލަޞްޠީނުގެ ހަމަ ކޮންމެ ރައްޔިތަކުވެސް އަލް-އަޤްޞާއަށް ގޮސް އެތަން ދޫކޮށް ނުގޮސް ޤާއިމްވެ ތިބުމަށް އެދޭކަމުގައި ވަނީ ހާމަކޮށްފައި ވެއެވެ.
ކޮންމެ އަހަރަކު ރޯދަމަހާ ދިމާކޮށް އިސްރާއިލުން ފަލަސްޠީނުގެ ރައްޔިތުން އަލް-އަޤްސާއަށާއި ޤުދުސްއަށް ވަންނަމިންވަރު އެއްފަހަރަށް ވުރެ އަނެއްފަހަރު މަދުކުރުމަށް ދަނީ ފިއްތުންތައް ކުރިމަތިކުރަމުންނެވެ. އެގޮތުން މިއަހަރުވެސް ވަކި އުމުރުފުރާތަކަކަށް ނޫނީ އަލް-އަޤްޞާގެ ކޮމްޕައުންޑް ހިމެނޭ ސަރަޙައްދަށްވެސް ވަނުން މަނަލެވެ. އިޒްރާއިލްއިން ހުއްދަ ދީފައިވަނީ ހަމައެކަނި 50 އަހަރުން މަތީގެ އަންހެނުންނަށާއި, 55 އަހަރުން މަތީގެ ފިރިހެނުން އަދި 12 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ. ހުކުރު ނަމާދަށް އަލް-އަޤްޞާއަށް ދާ މީހުންވެސް ދުރާލާ އިޒްރާއިލްގެ ހުއްދަ ހޯދަން ޖެހެއެވެ.
"ދުނިޔޭގެ ކޮންމެ ހިސާބެއްގައި ތިބި ފަލަސްޠީނުގެ ރައްޔިތުންވެސް އެނބުރި ފަލަޞްޠީނަށް އައިސް މި ރަމަޟާން މަހު ޣައްޒާ, ހިފާފައިވާ ހުޅަނގު އައްސޭރި އަދި ޤުދުސްގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން އަލް-އަޤްޞާގައި ގާއިމުވެ ތިބުމަށް އަހަރެމެން ގޮވާލަން" ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ބަރަކާތްތެރި މި މައްސަރުގައި ވީހާވެސް ބޮޑަށް އަޅުކަމާއިގެން މަޝްޢޫލުވެ އުޅުމަށާއި, ނަމަވެސް ފަލަސްޠީނުގައި ގަދަކަމުން ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ހިންގާ ހަމަނުޖެހުންތަކާ ދެކޮޅަށް ތެދުވެ އަލް-އަޤްޞާ ހިމާޔަތްކުރުމަށް ގޮވާލާފައެވެ. އަދި ޤުދުސްގެ އާއި އަލް އަޤްޞާގެ ޙައްގުގައި އިޒްރާއިލްގެ އަޅުވެތިކަމުން މިނިވަންވަންދެން ދޫދިނުމެއްނެތި ތިބުމަށްވެސް އެދިފައެވެ.
ރިއެކްޝަންސް






