
އުތުރު ޣައްޒާގައި ކިރިޔާ ބޭނުންކުރެވޭ ހާލަތުގައި ހުރި ހަމައެކަނި ދެ ހޮސްޕިޓަލް ޔަހޫދީ ސިފައިން ވަށާލައިފި
އުތުރު ޣައްޒާގައި ކިރިޔާ ބޭނުންކުރެވޭ ހާލާތުގައި ހުރި ހަމައެކަނި ދެ ހޮސްޕިޓަލް ޔަހޫދީ ސިފައިން ވަށާލައިފިކަމަށް އެތަންތަނުގެ މުވައްޒަފުންނާ ހަވާލާދީ އެސޯސިއޭޓަޑް ޕްރެސްއިން ބުނެފިއެވެ. ފައުޖުތައް އިންޑޮނީޝިއަން ހޮސްޕިޓަލް އާއި އަލް-އަވްދާ ހޮސްޕިޓަލް ވަށާލާފައިވާއިރު އެތަންތަނުން އެއްވެސް މީހަކަށް ވަދެ ނިކުތުމުގެ ހުއްދައެއް މިހާރަކު ނެތެވެ.
ފާއިތުވެދިޔަ ހަފުތާއިން ފެށިގެން އިޒްރާއިލްގެ ހަމަލާތައް ޣައްޒާގައި ވަރުގަދަކޮށްފައިވާއިރު, އުތުރު ޣައްޒާގައި ހަމަލާތައް ވަކިން ބޮޑަށް ވަނީ ވަރުގަދަކޮށްފައެވެ. ފޯނުން އަލް-އަވްދާ ހޮސްޕިޓަލްގެ ޑިރެކްޓަރު އެސޯސިއޭޓަޑް ޕްރެސްއަށް ބުނި ގޮތުގައި ބުދަ ދުވަހުވެސް އިޒްރާއިލްއިން އަލް-އަވްދާ ހޮސްޕިޓަލްއަށް ވަނީ ވައިގެ ހަމާލާއެއް ދީފައެވެ.
އުތުރުގައި ހުންނަ އެންމެ ބޮޑު ކަމާލް އަދުވާން ހޮސްޕިޓަލް މިހާރު ވަނީ ބޭނުންނުކުރެވޭ ވަރަށް ބޮންއަޅާ ހަލާކުކޮށްލާފައެވެ. ފާއިތުވި ޑިސެމްބަރު މަހު ހޮސްޕިޓަލް ވަށާލާ ދިން ވަރުގަދަ ހަމަލާތަކަށްފަހު ހޮސްޕިޓަލް އަށް ބޮންއަޅާ ބޮޑު ބައެއް ވަނީ އަންދާލާފައެވެ. ހޮސްޕިޓަލްގެ ޑިރެކްޓަރު ޑރ. ހުސާމް އަބޫ ސަފިއާ އޭރުއްސުރެ މިއަދާ ހަމައަށްވެސް ހުރީ އިޒްރާއިލްގެ ޖަލުގައި ހައްޔަރުކޮށްފައެވެ.
މީގެ ހަފުތާއެއްހާ ދުވަސްކުރިން ފެށިގެން އިޒްރާއިލްގެ އަސްކަރިއްޔާއިން ދަނީ އުތުރު ޣައްޒާގެ ބޮޑު ބަޔަކުން މީހުން އެސަރަހައްދުތައް ދޫކޮށް ދިއުމުގެ އަމުރުތަކެއް ނެރެމުންނެވެ. އިއްޔެ ވެސް ވަނީ ހަމަ އޭގެ އަމުރުތަކެއް އުތުރުގެ އެހެން ސަރަހައްދުތަކަށް ނެރެ, އެސަރަހައްދުތަކުން މީހުން ހުސްކޮށް ޔަހޫދީ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައެވެ.
ޔަހޫދީ ސިފައިން ވަށާލާފައިވާ ދެ ހޮސްޕިޓަލްވެސް ހުރީ އަމުރު ނެރެފައިވާ ސަރަހައްދުގެ ތެރޭގައެވެ. ނަމަވެސް އަދި ހޮސްޕިޓަލްތަކުން މީހުން ނިކުންނަށް އަންގާފައި ނުވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އިޒްރާއިލްއިން ޣައްޒާގައި ހިންގަމުން ގެންދާ ގަތުލްއާންމަށް 19 މަސް ވެގެން ގޮސްފައިވާއިރު ޣަައްޒާގައި ހުންނަ 36 ހޮސްޕިޓަލްގެ ތެރެއިން 20 ހޮސްޕިޓަލެއް ކޮންމެވެސް ވަރަކަށް ބޭނުންކުރެވެއެވެ. ނަމަވެސް އެއީ ޣައްޒާގެ 2 މިލިއަން ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެކަށީގެންވާ ވަރާ ގާތެއްވެސް ނޫނެވެ. ހޮސްޕިޓަލްތަކުން ބޭހާއި މުހިއްމު ގިނަ އާލާތްތަކެއް ވަނީ ހުސްވެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނި ގޮތުގައި އިޒްރާއިލް އިން ޣައްޒާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް އަމާޒުކޮށް 700 އަށްވުރެ ގިނަ ހަމަލާ ވަނީ ދީފައެވެ. އެ ޖަމާއަތުގައި އެކަމަށް ހެކިދޭ ރެކޯޑްތައްވެސް އެބަހުއްޓެވެ.
ރިއެކްޝަންސް






