
އަހަރެމެން ބޭނުންވީ ޚާމަނާއީގެ ދުވަސްދުއްވާލަން: އިޒްރާއިލްގެ ދިފާއީ ވަޒީރު
ހަނގުރާމައިގެ ހުރިހާ މަޤްޞަދެއް ހާސިލްވިކަމަށް އިޒްރާއިލްއިން ވަނީ ކުރިން ބުނެފައި
އިޒްރާއިލްއިން އަސްލު ބޭނުންވީ އީރާނުގެ ރުހާނީ ލީޑަރު އާޔަތުالله ޢަލީ ޙާމަނާއީގެ ދުވަސްދުއްވާލަންކަމަށް އިޒްރާއިލްގެ ޔަހޫދީ ދިފާއީ ވަޒީރު, އިޒްރާއިލް ކާޓްޒް ބުނެފިއެވެ.
ޖޫން 13 ގައި އިޒްރާއިލްއިން އީރާނަށް ދިން ކުއްލި ހަމަލާތަކާއެކު ކުރިއަށްދިޔަ 12 ދުވަހުގެ ހަނގުރާމައަށް ފަހު ހަމަލާތައް ހުއްޓާލަަށް ދެފަރާތުން އެއްބަސްވީ ފާއިތުވި ހަފުތާ ނިމެންދަނިކޮށެވެ. އޭރު އިޒްރާއިލް ބުނެފައިވަނީ ހަނގުރާމައިގައި އިޒްރާއިލްއިން ހާސިލްކުރަން ބޭނުންވި ކަންތައް ހާސިލްވެއްޖެ ކަމަށެވެ.
އެމެރިކާއިން ޚާމާނާއި އަވަހާރަކޮށްލަން އެއްބަސް ނުވުމުން އިޒްރާއިލްއަށް އެކަން ނުކުރެވުނީ ކަމަށް ފެތުރުނު އަޑުތަކަށް ރައްދު ދެމުން ބުރާސްފަތި ދުވަހު ކާޓްޒް ބުނެފައިވަނީ އިޒްރާއިލްއިން ކުރަން ބޭނުންވާ ކަމަކަށް އެމެރިކާގެ ހުއްދައެއް ބޭނުންނުވާނެ ކަމުގައެވެ.
ނަމަވެސް އޭނާ ވަނީ އިޒްރާއިލްއިން އީރާނަށް ހަމަލާދިނީ އެމެރިކާގެ ފެހި ސިގްނަލް ލިބިގެންކަމަށް ބުނެފައެވެ.
"އަހަރެމެން ބޭނުންވީ ޚާމަނާއީ ޤަތުލްކުރަން. އެކަމު އެކަމަށް އޮޕަރޭޝަންގެ ތެރެއިން ރަނގަޅު ފުރުޞަތެއް ފަހި ނުވީ" އިޒްރާއިލްގެ ޗެނަލް 13 އަށް ދިން އިންޓަވިއު އެއްގައި ކާޓްޒް ބުނެފައި ވެއެވެ.
ކާޓްޒް ބުނީ ކުޅިބައިގައި ޚާމަނާއީގެ މަރު ހިމެނޭކަން އޭނާއަށް އެނގޭ ކަމަށާއި, އެހެން ކަމުން އޭނާ ބިންގަރާހުގެ އެންމެ އަޑިއަށްގޮސް މާކުރިން ފިލީކަމުގައެވެ. އަދި އަސްކަރިއްޔާގެ ޖެނެރަލުންނަށްނވެސް އޭނާއާ ނުގުޅޭ ހިސާބަށް ދިޔަކަމަށް ކާޓްޒް ވަނީ ބުނެފައެވެ.
ނަމަވެސް ހަނގުރާމަ ކުރިއަށް ދަނިކޮށް ޖޫން 19 ގައި ޚާމަނާއި ވަނީ ވީޑިއޯ މެސެޖެއް އާންމުކޮށްފައެވެ. އަދި އެ މެސެޖުން ޚާމަނާއީ އާއި އީރާންގެ އަސްކަރިއްޔާ އާ ބަރާބަރަށް ގުޅުން އޮތްކަމަށް ސާބިތުވެއެވެ.
ޚާމަނާއީ އަވަހާރަކޮށްލިނަމަ ހަނގުރާމައިގެ މިސްރާބު ބަދަލުވެ ބޮޑު ހަމަނުޖެހުމަކަށް މެދުއިރުމަތި އަދި ދުނިޔޭގެ މަޞްރަޙް ދިޔައީހެވެ. އިރާނުގެ އެންމެ އިސް ވެރިޔާއަށް ވުމުގެ އިތުރުން ޚާމަނާއީ އަކީ މުޅި ދުނިޔޭގެ ޝިއާ މުސްލިމުންގެ ލީޑަރުވެސް މެއެވެ.
ހަނގުރާމަ ހިނގަމުން ދިޔަ ވަގުތުވެސް އިޒްރާއިލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕްވެސް ވަނީ އީރާނުގެ ވެރިކަން ބަދަލުކުރުމާ ގުޅޭ ވާހަކަތައް ދައްކަވާފައެވެެ.
ރިއެކްޝަންސް






