
ސިޓީ އަތުން ބަލިވެ, ގްރޫޕްގެ ދެވަނަ ލިބުނު ޔުވެންޓަސް ދެވަނަ ބުރުގައި ރެއާލް އާ ދެކޮޅަށް!
ފީފާ ކްލަބް ވޯލްޑްކަޕްގެ ގްރޫޕް-ޖީ ގައި ރޭ މެންޗެސްޓަރ ސިޓީއަތުން 5-2 ން ބަލިވެ, ޔުވެންޓަސްއިން ދެވަނަ ބުރުގައި ރެއާލް މެޑްރިޑާ ވާދަކުރަންޖެހިއްޖެއެވެ. ގްރޫޕް-އީ ގައި މިއަދު ހެނދުނު ރެއާލް ކުޅުނު ފަހު މެޗުން 3-0 ން ސަލްސްބާގްގެ މައްޗަށް ހޯދި މޮޅާއެކު ރެއާލްއަށް ތާވަލް އެއްވަނަ ލިބެނީ 7 ޕޮއިންޓާއެކުއެވެ.
މެންޗެސްޓަރ ސިޓީ ވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި 9 ޕޮއިންޓް ހޯދި ހަމަ އެކަނި ކްލަބްގެ މަޤާމް ހޯދާފައެވެ. މެޗަށްފަހު ކޯޗު ޕެޕް ގާޑިއޯލާވެސް ވަނީ ގިނަ ދުވަސްތަަކަކަށްފަހު މެންޗެސްޓަރ ސިޓީ އޭގެ އަސްލު ކުޅުމަށް ރުޖޫއަވަމުންދާ ކަމަށް ބުނެފައެވެެ.
ރޭގެ މެޗުގައި ސިޓީއަށް ލީޑު ނަގައިދިނީ 9 ވަނަ މިނިޓްގައި ޖެރެމީ ޑޮކޫ އެވެ. ނަމަވެސް އޭގެ ދެ މިނިޓް ފަހުން ޔުވެންޓަސްގެ ތެއުން ކޫޕްމެއިނާސް ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކުރިއެވެ. ސިޓީއަށް ދެވަނަ ފަހަރަށް ލީޑު ލިބުނީ 26 ވަނަ މިނިޓްގައި ޔުވެންޓަސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވައިން ގޯލާއެކުއެވެ.
މެޗުގެ 52 ވަނަ މިނިޓްގައި މެތިއުސް ނުނޭޒްގެ އެހީތެރިކަމާއެކު ސިޓީއަށް ލީޑު ފުޅާކޮށްދިނީ އާލިން ހާލަންޑްއެވެ. ސިޓީގެ ހަތަރުވަނަ ގޯލް ފިލް ފޯޑެން 69 ވަނަ މިނިޓްގައި ކާމިޔާބުކުރިއިރު, ގޯލް ޖެހުމުގައި އެހީތެރިވި ސަވީނިއޯ ވަނީ 75 ވަނަ މިނިޓްގައި ސިޓީގެ ފަހު ގޯލްވެސް ކާމިޔާބުކޮށްދީފައެވެެ.
ދެވަނަ ބުރުގައި ސިޓީ ވާދަކުރާނީ ގްރޫޕް-އެޗްގެ ދެވަނައިގައި އޮތް ސައުދި އެރޭބއާގެ އަލް-ހިލާލްއާއެވެ. މިއަަދު ހެނދުނު ގްރޫޕް ސްޓޭޖްގައި އަލް-ހިލާލް ކުޅުނު ފަހު މެޗުގައި 2-0 ން ވަނީ އޮސްޓްްރިއާގެ ޕަޗޫކާ ބަލިކޮށްފައެވެ.
ޔުވެންޓަސްއިން އެމީހުންގެ ދެވަނަ ގޯލް ކާމިޔާބުކުރީ މެޗު ނިމެން ހަ މިނިޓަށް ވެފައިވަނިކޮށް ޑޫސަން ވްލަޮވިޗްއެވެ. ޔުވެންޓަސް ތާވަލްގެ ދެވަނައިގައި އޮތީ ހަ ޕޮއިންޓާއެކުއެވެ.
ގްރޫޕް އެޗްގައި ރެއާލް އަދި ސަލްސްބާގް ބައްދައްލުކުރި މެޗުގައި ރެއާލްގެ ވިނީޝިއުސް ޖޫނިއަރ ވަނީ ގޯލެއްޖަހާ, ދެވަނަ ގޯލް ޖެހުމުގެ ފުރުޞަތުވެސް ތަނަވަސްކޮށްދީފައެވެ. 40 ވަނަ މިނިޓްގައި ރެެއާލުން ލީޑު ނެގުމަށްފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން 2-0 ށް ނަތީޖާ ބަދަލުކޮށްދިނީ ފެޑެރީކޯ ވަލްވާޑޭ އެވެ.
ޖޫޑް ބެލިންގްހަމް ނަގައިދިން ހުރަސް ލިބިގަނެ ދެ ޑިފެންޑަރުންގެ ކައިރިން ފަސޭހަ ކަމާއެކު ނައްޓާ ގޯލްގެ ތެރެއަށް ވިނީ ފޮނުވާލިއިރު ސަލްސްބާގުގެ 18 އަހަރުގެ ޒުވާން ކީޕަރު,ކްރިސްޓިއަން ޒަވިއެޝިޒްކީއަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. ފުރަތަމަ ހާފު ނިމުގެ ކުރިން އިތުރު ގޯލެއް ޖަހާނެ ފުރުޞަތު ވިނީ ތަނަވަސްކޮށްދިން ނަމަވެސް ގޮންޒާލޯ ގާސިއާ އަތުން އެބޯޅަ ވަނީ ގެއްލިފައެވެ.
ފިލެޑެފިއާއަށް ވެހެމުން ދިޔަ ހިމަފޮދު ވާރޭގައި ކުޅުނު މި މެޗު ފެށިގެން ނިމެންދެންވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ރެއާލުންނެވެ. ނަމަވެސް ސަލްސްބާގުންވެސް ވަނީ ރަނގަޅު ދެތިން ފުރުޞަތެއް ތަނަވަސްކޮށްފައެވެ.
ފުރަތަމަ ހާފުގައި ގެެއްލުނު ބޯޅައިގެ ބަދަލުގައި ރެއާލްގެ ފަހު ގޯލް 84 ވަނަ މިނިޓްގައި ގޮންޒާލޯ ގާސިއާ ކާމިޔާބުކޮށް މެޗު ނިމުގެ ކުރިން ނަތީޖާ ވަނީ 3-0 ށް ބަަދަލުކޮށްލާފައެވެ. މެޗުގައި ރެއާލަށް ނަތީޖާގެ ފަރަގު ބޮޑުކުރެވޭނެ ގިނަ ފުރުޞަތުތަކެއް ދެވަނަ ހާފުގައިވެސް ލިބި ވަނީ ބޭކާރުވެފައެވެ.
ރިއެކްޝަންސް






