
ސައުތަމްޕްޓަން ބަލިކޮށް ލިވަޕޫލް 16 ޕޮއިންޓްގެ ސާފު ލީޑެއްގައި
އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ސައުތަމްޕްޓަންއާ ވާދަކޮށް 1-3 ން މޮޅުވެ, ލިވަޕޫލް ތާވަލްގައި 16 ޕޮއިންޓްގެ ސާފު ލީޑެއް ނަގައިފިއެވެ. ސައުތަމްޕްޓަން އިން ގޯލެއް ކާމިޔާބުކޮށްފައި ވަނިކޮށް ލިވަޕޫލް އަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 51 ވަނަ މިނިޓްގައި ޑާވިން ނުނޭޒް އެވެ.
70 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ލިވަޕޫލް އޮތީ 29 މެޗު ކުޅެގެންނެވެ. ނަމަވެސް 54 ޕޮއިންޓާއެކު ދެވަނައިގައި އޮތް އާސެނަލް އަތުގައި އަދި ބާކީ ދެމެޗު ނުކުޅެ އެބައޮތެވެ. މިއަދު ލިވަޕޫލްއަތުން ބަލިވި ސައުތަމްޕްޓަން ތާވަލްގެ ފުލުގައި އޮތީ އެންމެ ނުވަ ޕޮއިންޓާއެކުއެވެ.
އެންފީލްޑްގައި ކުޅުނު މެޗު އެއްކޮށްހެން ޑޮމިނޭޓްކޮށްގެން ކުޅުނު ލިވަޕޫލަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނުމަށް އެހީތެރިވީ ލުއިސް ޑިއަޒް އެވެ. ސައުތަމްޕްޓަންގެ ދެ ޑިފެންޑަރުންގެ ކައިރިން ބޯޅަ ހޯދާ އޭނާ ވަނީ ނުނޭޒްއަށް ފުރުޞަތު ތަނަވަސްކޮށްދީފައެވެ. މެޗުގައި ލިވަޕޫލްގެ ފަހު ދެ ގޯލް ޕެންލްޓީން ކާމިޔާބު ކުރީ މުޙައްމަދު ޞަލާޙްއެވެ. އެއީ މެޗުގެ 54 ވަނަ މިނިޓް އަދި 88 ވަނަ މިނިޓްގައެވެ.
ޕްރިމިއަރ ލީގުގައި ސަލާޙް މިހާތަނަށް ލިވަޕޫލްއަށް 242 ގޯލް ކާމިޔާބުކޮށްދީ އެ ކްލަބްގެ ތާރީޚްގައިވެސް ތިންވަނައަށް އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިޔާގެ މަޤާމް ވަނީ ޙާސިލްކޮށްފައެވެ. 2017 ވަނަ އަހަރު ލިވަޕޫލްއަށް ބަދަލުވި ސަލާޙް މިހާތަނަށް އެކްލަބަށް 390 މެޗު ކުޅެދީފައި ވެއެވެ.
ހޮނިހިރު ދުވަހު ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު މެންޗެސްޓަރ ސިޓީ ނޮޓިންހަމް ފޮރެސްޓްއަތުން ބަލިވީ 1-0 ންނެވެ. ފުލަމްގެ މައްޗަށް 2-1 ން ބްރައިޓަން ކުރި ހޯދިއިރު, ކްރިސްޓަލް ޕެލަސް އިން އިޕްސްވިޗްޓައުން ބަލިޕކުރީ 1-0 ންނެވެ.
ރިއެކްޝަންސް






