ރޮނާލްޑޯގެ އަލް-ނަޞްރު ބަލިކޮށް, ސައުދީ ސުޕަރކަޕް ގެ ޗެމްޕިއަންކަން އަލް-ޙިލާލް ހޯދައިފި.
އަލް ނަސްރުގެ ލަނޑު ޖެހީ ރޮނަލްޑޯ
ސައުދި އެރޭބިއާގެ އަލް-ނަސްރަށް ބަދަލުވުމަށްފަހު އެޓީމަށް ތައްޓެއް ހޯދައިދިނުމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުރަމުންއައި އުއްމީދު އަލް-ޙިލާލް އިން އަނެއްކާވެސް ގެއްލުވާލާ, ވިދިވިދިގެން 2 ވަނަ ފަހަރު ސުޕަރކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
4-1 ން ބަލިވި ފައިނަލް މެޗުގައި އަލް-ނަޞްރުގެ ހަމައެކަނިގޯލް ފުރަތަމަ ހާފް ނިމެންދަނިކޮށް ޖަހައިދީ, ލީޑް ނަގައިދިނީ ފަސް ފަހަރު ބެލެންޑޯ ހޯދާފައިވާ ރޮނާލްޑޯއެވެ.
ދެވަނަ ހާފް ފެށިތާ ދިހަ މިނެޓް ފަހުން އަލް-ޙިލާލްއިން އެޓީމްގެ ފުރަތަމަ ގޯލް ޖެހުމާއި އެކު 17 މިނިޓްތެރޭގައި ފުލުފުލުގައި ޖެހި 4 ގޯލާއެކު އެކު 39 އަހަރުގެ ފޯވާޑްގެ ފަރާތުން ވަރަށްބޮޑަށް ހިތްހަމަނުޖެހުން ފެނިގެންދިޔައެވެ.
ރޮނާލްޑޯ އަލް-ނަޞްރަށް ބަދަލުވީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މިދިޔަ ސީޒަންގައި 35 ގޯލްގެ ރެކޯޑާ އެކު ރޭ ކުޅުނު ފައިނަލްގައި ރޮނާލްޑޯގެ ގޯލް ފެނިގެން ދިޔައީ މެޗުގެ 44 ވަނަ މިނިޓްގައި ގޯލާ ވަރަށް ކައިރިން ޢަބްދުއްރަޙްމާން ޣަރީބް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.
ދެވަނަ ހާފުގައި މުޅި މެޗްގެ މިސްރާބު އަނބުރާލާ, އަލް-ޙިލާލްގެ ފުރަތަމަ ގޯލް 55 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސަރބިއާގެ މިޑްފީލްޑަރ މިލިންކޮވިކް އާއި ސަވިކް, ދެކުޅުންތެރިން ވެގެންނެވެ. އޭގެ ފަހުން 63 އަދި 69 ވަނަ މިނިޓްގައި ކައިރި ކައިރީގައި ދެ ގޯލް ޖަހައދިނީ އަލެކްސަންޑާ މިޓްރޮވިކް އެވެ.
އަލް-ނަޞްރުގެ ގޯލްކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ, އަލް-ހިލާލްގެ ހަތަރުވަނަ ގޯލް އޭގެ ތިން މިނިޓް ފަހުން 72 ވަނަ މިނިޓްގައި ޖަހައިދިނީ ކުރިން ޕްރިމިއަރ ލީގުގެ ފުލަމް އަށް ކުޅުނު ބްރެޒިލްގެ ފޯވާޑް މެލްކަމް އެވެ.
"ފުރަތަމަހާފުގައި އަހަރެމެންގެ މައްސަލަތަކެއް ހުރި. އެކަމަކު ދެވަނަ ހާފުގައި އަހަރެމެން ދައްކައިދީފިން އަހަރެމެން އެކަން ރަނގަޅު ކުރިކަން. އަހަރެމެން މިތިބީ މަޑުމައިތިރިކަމާއި އެކު. ސީޒަންގެ ކުރީކޮޅު މިތަށި ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" މިޓްރޮވިކް ބުންޏެވެ.
ޖެހިޖެހިގެން ދެފަހަރު މިތަށި އުފުލާލުމާއެކު އެޓީމުން ޖުމްލަ 5 ފަހަރު ސްޕަރކަޕް ކާމިޔާބުކޮށް, ސައުދީ ސްޕަރކަޕްގެ ތާރީޚްގައި ވެސް އެންމެ ކާމިޔާބު ކްލަބުގެ ޝަރަފުވެސް ވަނީ އަލް-ޙިލާލުން ހޯދާފައެވެ.
ޖުމްލަ 3 ފަހަރު ސްޕަރކަޕް އުފުލާލާފައިވާ އަލް-ނަޞްރަށް އަދި ރޮނާލްޑޯއަށް ވެސް މިފަހަރުގެ ނާކާމިޔާބީ އަކީ އާކަމެއް ނޫނެވެ. ފާއިތިވި ސީޒަންގައި ސައުދީ ކިންގު ކަޕާއި, ސައުދީ ޕްރޯލީގު އަލް-ޙިލާލް ކާމިޔާބުކުރީވެސް އަލް-ނަޞްރު ބަލިކޮށްގެންނެވެ.
ރިއެކްޝަންސް