ކޯލް ޕާމާގެ 4 ގޯލުން ޗެލްސީ އަށް މޮޅެއް, ސިޓީއަށް ޕޮއިންޓެއް
އެއް ހާފްގައި ކޯލް ޕާމާ ޖެހި ހަތަރު ލަނޑުން ބްރައިޓަން އަތުން ޗެލްސީން ޚާއްޞަ މޮޅެއް ހޯދައިފިއެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު ސްޓެމްފޯޑް ބްރިޖްގައި ބްރައިޓަން އަތުން ޗެލްސީ މޮޅުވީ 4-2 ނެވެ. ފުރަތަމަ ހާފްގައި ޕާމާ ޖެހި ހަތަރު ލަނޑުގެ ތެރެއިން އެއް ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. މިއީ ޕްރިމިއަރ ލީގު މެޗެއްގެ ފުރަތަމަ ހާފުގައި ކުޅުންތެރިއަކު ހަތަރު ގޯލް ޖެހި ފުރަތަމަ ފަހަރެވެ.
22 އަހަރުގެ ފޯވާޑް އެންމެ 20 މިނިޓް ތެރޭގައި ހަތަރު ގޯލް ޖަހާ ޗެލްސީ މޮޅުކޮށްދީފައިވަނީ މެޗުގެ 7 ވަނަ މިނިޓްގައި ބްރައިޓަން އިން ގޯލެއް ކާމިޔާބުކޮށްފައި ވަނިކޮށެވެ. ބްރައިޓަންގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ޖޮޖީނިއޯ ރަޓާ އެވެ.
ޕާމާގެ ގޯލްތައް ކާމިޔާބުކުރީ 21, 28, 31 އަދި 41 ވަނަ މިނިޓްގައެވެ. ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނުމުގައި ޕާމާއަށް އެހީތެރިވީ ނިކޮލަސް ޖެކްސަން އެވެ. ދެވަނަ ގޯލަކީ ޖޭޑަން ސަންޗޯއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލެކެވެ. ޕާމާ ހަތަރު ވަނަ ގޯލް ކާމިޔާބުކުރީ ސަންޗޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
މީގެކުރިންވެސް ޕާމާ ވަނީ އެއް މެޗެއްގައި ހަތަރު ގޯލް ކާމިޔާބުކޮށްފައެވެ. އެއީ ފާއިތުވި ސީޒަންގައި ޗެލްސީން އެވަރޓަން އާ ދެކޮޅަށް ކުޅެ 0-6 ން މޮޅުވި މެޗެވެ. މިއާއެކު ޕާމާ ވެފައިވަނި ޕްރިމިއަރ ލީގުގައި ޗެލްސީއަށް ތިން ހެޓްރިކް ކާމިޔާބުކޮށްދިން ހަތަރު ވަނަ ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން އެޓީމަށް ތިން ހެޓްރިކް ކާމިޔާބުކޮށްފައިވަނީ ޑިޑިއޭ ޑްރޮގްބާ, ފްރޭންކް ލަމްޕާޑް އަދި ޖިމީ ފްލޮއިޑް އެވެ.
މިއީ 2023 ވަނަ އަހަރު މެންޗެސްޓަރ ސިޓީން ޗެލްސީއަށް ބަދަލުވުމަށްފަހު ޕާމާ ޗެލްސީއަށް ކުޅެދިން 39ވަނަ ލީގު މެޗެވެ.
13 ޕޮއިންޓާއެކު ޗެލްސީ އޮތީ ތާވަލްގެ ހަތަރު ވަނައިގައެވެ. ތާވަލްގެ ދެވަނައިގައި 14 ޕޮއިންޓާއެކު އޮތީ ހޮނިހިރު ދުވަހު ނިއުކާސަލްޔުނައިޓަޑް އާ ދެކޮޅަށްކުޅެ 1-1 ން އެއްވަރުވި މެންޗެސްޓާރ ސިޓީއެވެ.
މެޗަށްފަހު ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފައިވަނީ ރޮޑްރީ ނެތި ސިޓީގެ މެދުތެރެއަށް ދިމާވެފައިވާ މައްސަލަ ފޫބައްދަން ހައްލެއް ހޯދަންޖެހިފައިވާ ކަމަށެވެ. އާދިއްތަ ދުވަހު އާސެނަލްއާ ދެކޮޅަށް ކުޅެ 2-2 ނެ އެއްވަރު ވި މެޗުގައި ރޮޑްރީގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ހުކުރު ދުވަހު ކަކުލުގެ ލިގަމެންޓް ސާޖަރީއެއް ހަދާފައިވާއިރު މި ސީޒަންގައި ރޮޑްރީއަށް ދެން ކުނުޅެވޭނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.
ނިއުކާސަލް އާއި ސިޓީ ކުޅުނު މެޗުގެ 35 ވަނަ މިނިޓްގައި ސިޓީގެ ގޯލް ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުޞަތެއްގައި ކާމިޔާބުކުރީ ޑިފެންޑަރު ހޮސްކޯ ގްވާޑިއަލްއެވެ. އަދި ސިޓީގެ ކީޕަރު އެންޑަރސަން ނިއުކާސަލްގެ އެންތަނީ ގޯޑަން އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެން ނިއުކާސަލްއިން އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 58 ވަނަ މިނިޓްގައެވެ. ޕެނަލްޓީ ކާމިޔާބުކޮށްދިނީވެސް އެންތަނީއެވެ.
ރިއެކްޝަންސް