އިތުރު ވަގުތުގެ ދެ ގޯލާއެކު ލެސްޓާ އަތުން އާސެނަލް މޮޅު, ލިވަޕޫލް ތާވަލްގެ އެއްވަނައަށް
މެޗުގެ އިތުރު ވަގުތުގެ ނުވަ ވަނަ މިނިޓްގައި ކައި ހަވާޓްޒް ކާމިޔާބުކޮށްދިން ގޯލާއި 94 ވަނަ މިނިޓްގައި ވިލްފްރެޑް އެންޑީޑީ އަތުން ބައިކޮޅަށް ވަން ގޯލަކާއި އެކު 4-2 ން އާސެނަލްއިން ލެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދައިފިއެވެ.
މެޗުގެ ފުރަތަމަ ދެ ގޯލްވެސް ކާމިޔާބުކުރީ އާސެނަލް އިންނެވެ. ހޫރިއެން ޓިމްބަރ ތަނަވަސްކޮށްދިން ފުރުޞަތެއްގައި އާސެނަލްގެ ފުރަތަމަ ގޯލް 20 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ގެބްރިއެލް މާޓިނެއްލީއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލް އަށް ލީޑު ފުޅާކޮށްދިނީ މާޓިނެއްލީ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ލެއަންޑްރޯ ޓްރޮސާޑްއެވެ.
ބަދަލަކާ ނުލާ ދެވަނަ ހާފަށް ނިކުއިން ލެސްޓާ ސިޓީން ވަނީ ދެވަނަ ހާފުގައި އެމީހުންގެ ހަމަލާތައް ވަރުގަދަކޮށްފައެވެ. ދެވަނަ ހާފު ފެށިގެން 7 ވަނަ މިނިޓްގެ ތެރޭގައި ލެސްޓާގެ ފުރަތަމަގޯލް ކާމިޔާބުކޮށްދިނީ ޖޭމްސް ޖަސްޓިން އެވެ. ފަކޫންޑޯ ބުއަނަނޯޓޭ ނަގައިދިން ހިލޭޖެހުމެއް ކައިހަވާޓްޒް ގައިގައި ޖެހިފައި ދިޔަބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެން ޖަސްޓިން ވަނީ ލެސްޓާއަށް އުއްމީދު ހޯދައިދީފައެވެ.
އޭގެ 16 މިނިޓްފަހުން މެޗުގެ 63 ވަނަ މިނިޓްގައި ލެސްޓާއިން އިތުރު ގޯލެއް ޖަހާ ނަތީޖާ ވަނީ ހަމަހަމަކޮށްފައެވެ. އެންޑީޑީ ތަނަވަސްކޮށްދިން ފުރުޞަތުގައި ލެސްޓާގެ ދެވަނަ ގޯލްވެސް ކާމިޔާބުކޮށްދިނީ ޖަސްޓިން އެވެ.
ލެސްޓާ ސިޓީ ގޭމުގެ ތެރެއަށް އެނބުރި އައުމާއެކު މެޗުގެ ފޯރިގަދަވެ އާސެނަލް އަށްވެސް ކުޑަވަގުތުކޮޅަކަށް ސިހުން ލިބުނު މެޗުގެ އިތުރު ވަގުތުގައި ލެސްޓާއިން ފަސް ބަދަލެއް ގެނެސް ނަތީޖާ އަނބުރާލަން މަސައްކަތް ކުރިއެވެ. ނަމަވެސް 94 ވަނަ މިނިޓްގައި ބައިކޮޅަށް ވަން ގޯލާއެކު ލެސްޓާގެ އުއްމީދުތައް ފެނަށް ދިޔައީ އާސެނަލްއިން އިތުރު ގޯލެއްވެސް ކާމިޔާބުކުރުމާއެކުއެވެ.
މި ނަތީޖާއާއެކު ޕްރިމިއަރ ލީގުގެ ތާވަލްގައި އާސެނަލް 14 ޕޮއިންޓާއެކު މިވަގުތު އޮތީ ތިން ވަނައިގައެވެ. ހޮނިހިރު ދުވަހު ވްލްވްސް އަތުން ކުރި ހޯދާ 15 ޕޮއިންޓާއެކު ތާވަލްގެ އެންމެ ކުރީގައި އޮތީ ލިވަޕޫލްއެވެ.
ލިވަޕޫލްއާއި ވުލްވްސް ބައްދަލުކުރި މެޗު ނިމުނީ 2-1 ން ނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި ލިވަޕޫލްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އިބްރަހިމާ ކޮނާޓޭއެވެ.
ނަމަވެސް ދެވަނަ ހާފު ފެށިގެން 11 ވަނަ މިނިޓްގައި ވްލްވްސް އިން ގޯލެއް ކާމިޔާބުކޮށް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ވްލްވްސްގެ ގޯލް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ރާޔަން އެއިޓް ނޯރީ އެވެ.
މެޗުގެ 59 ވަނަ މިނިޓްގައި ލިވަޕޫލް ކޮޅަށް ނަތީޖާ އެނބުރުނީ ޑިއޮގޯ ޖޮޓާ ގެ ޖަރޒީއަށް ވުލްވްސްގެ ނެލްސަން ސަމޭޑާ ދެމުމުގެ ސަބަބުން ލިވަޕޫލަށް ޕެނަލްޓީއެއް ލިބުނު ހިސާބުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށްދިނީ މުޙައްމަދު ޞަލާޙްއެވެ.
ރިއެކްޝަންސް