ލިވަޕޫލް އަށް އެއްވަނައިގައި އަށް ޕޮއިންޓްގެ ލީޑެއް, ސަލާޙް އަށް ރެކޯޑެއް!
ިނގިރޭސި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު 5-0 ން ވެސްޓްހެމް ޔުނައިޓަޑް ބަލިކޮށް ތާވަލްގެ އެއްވަނައިގައި ލިވަޕޫލްއިން އަށް ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.
މެޗުގައި އެޓީމުގެ މިސްރުގެ ފޯވަރޑް މުޙައްމަދު ޞަލާޙް ވަނީ ގޯލެއް ކާމިޔާބުކޮށް, އިތުރު ދެ ގޯލް ޖެހުމުގައިވެސް ލިވަލޫލްއަށް އެހީތެރިވެދީފައެވެ. މި ސީޒަންގައި އާދަޔާޚިލާފް މޮޅު ކުޅުމެއްދައްކަމުން އަންނަ ޞަލާޙްވަނީ އެންމެ ފަހުން ކުޅުނު 8 ލީގު މެޗުގައިވެސް ގޯލް ޖަހާ, އިތުރު ގޯލް ޖެހުމުގައި އެހީތެރިވެދީފައެވެ. މިއީ ޕްރިމިއަރ ލީގުގެ ރެކޯޑެކެވެ. މިސީޒަންގެ މިހާތަނަށް ޞަލާޙް ވަނީ 20 ގޯލް ކާމިޔާބުކޮށްފައެވެ.
ރަށުންބޭރުގައި ވެސްޓްހެމްގެ މައްޗަށް ކުރިހޯދި މެޗުގެ ފުރަތަމަ ހާފުވެސް ލިވަޕޫލްއިން ނިންމާލީ 3-0 ގެ ލީޑެއްގައި އޮވެގެންނެވެ. 30 ވަނަ މިނިޓްގައި ލުއިޒް ޑިއަޒް ލީޑު ނައިދިންއިރު, ސަލާޙް ތަނަވަސްކޮށްދިން ފުރުޞަތުގައި އޭގެ ދިހަ މިނިޓްފަހުން ދެވަނަ ގޯލް ކާމިޔާބު ކުރީ ކޯޑީ ގަޕްކޯއެވެ. ސަލާޙް ވަނީ 44 ވަނަ މިނިޓްގައި އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.
ލިވަޕޫލްގެ ހަތަރުވަނަ ގޯލް 54 ވަނަ މިނިޓްގައި ޓްރެންޓް އެލެކްސެންޑަރ އާނޯލްޑް އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވިއިރު ގޯލް ޖެހުމުގައި އެހީތެރިވީ ރަޔަން ގްރަވެންބާޗް އެވެ. އަދި މެޗުގައި ލިވަޕޫލްގެ ފަސްވަނަ ގޯލް މުޙައްމަދު ސަލާހް ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކުރީ ޑިއޯގޯ ޖޯޓާއެވެ.
އާނެ ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލްގެ މެޝިނަށް ހުއްޓުމެއް ނެތްއިރު ލިވަޕޫލަށް 18 މެޗުން 45 ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ މަޤާމްގައި އޮތީ 8 ޕޮއިންޓްގެ ލީޑަކާއެކުއެވެ. އާދިއްތަ ދުވަހު 2-0 ން އެވަރޓަން ބަލިކޮށް ތާވަލްގެ ދެވަނަ މަޤާމަށް ޖެހިލި ނޮޓިންގްހަމް ފޮރެސްޓް 19 މެޗުން 37 ޕޮއިންޓް ހޯދާފައިވާއިރު އާސެނަލް 18 މެޗުން ތިންވަނައިގައި އޮތީ ފޮރެސްޓާ އެންމެ ޕޮއިންޓެއްގެ ފަރަގުންނެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ 18 މެޗުން 35 ޕޮއިންޓް ހޯދާފައިވާއިރު އާދިއްތަ ދުވަހު 2-0 ން ލެސްޓަރ ސިޓީ ބަލިކޮށް މެންޗެސްޓަރ ސިޓީވަނީ 31 ޕޮއިންޓާއެކު ތާވަލް ގެ ފަސްވަނައަށް ޖެހިލާފައެވެ.
އާދިއްތަ ދުވަހު ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ކްރިސްޓަލް ޕެލަސްއިން ސައުތަމްޕްޓަންގެ މައްޗަށް ކުރިހޯދީ 2-1 ންނެވެ. ފުލަމް އާއި ބާންމައުތުގެ މެޗު 2-2 ން އެއްވަރުވިއިރު ވުލްވްސް އާއި ޓޮޓްނަމްގެ މެޗުވެސް ވަނީ 2-2 ން އެއްވަރު ވެފައެވެ.
ރިއެކްޝަންސް