މެންޗެސްޓަރ ސިޓީ އާއެކު ޕެޕް ގާޑިއޯލާގެ 500 ވަނަ މެޗުން މޮޅެއް, ނޮޓިންގްހަމް ފޮރެސްޓް ތާވަލްގެ ދެވަނައަށް
އިނގިރޭސި ޕްރިމިއަރ ލީގުގައި ލެސްޓަރ ސިޓީގެ މައްޗަށް މެންޗެސްޓަރ ސިޓީން 2-0 ން ކުރިހޯދައިފިއެވެ. ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަނީ އޭނާގެ އިރުޝާދުގެ ދަށުން ސިޓީ ކުޅުނު 500 ވަނަ މެޗުން މޮޅުވުމުން އެކަމާ އުފާފާޅުކޮށްފައެވެ. ނޮޓިންގްހަމް ފޮރެސްޓް ތާވަލްގެ ދެވަނަ މަޤާމް ހޯދީ 19 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ.
ސިޓީން ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވި ދެވަނަ މެޗުގައި އެޓީމްގެ ގޯލްތައް ކާމިޔާބުކުރީ ސަވީނޯ އަދި އާލިން ހާލަންޑް އެވެ. 21 ވަނަ މިނިޓްގައި ސިޓީއަށް ލީޑު ނަގައިދިނީ ސަވީނޯ އެވެ. މެޗުގެ 74 ވަނަ މިނިޓްގައި ސިޓީން ދެވަނަ ގޯލް ކާމިޔާބު ކުރީ ސަވީނޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައި އާލިން ހާލަންޑް އެވެ.
އާދިއްތަ ދުވަހުގެ މެޗުން ސިޓީ މޮޅުވި ނަމަވެސް ކިންގް ޕަވަރ ސްޓޭޑިއަމްގައި ލެސްޓާރ ސިޓީން ވަނީ އިދިކޮޅު ޓީމަށް ނުތަނަވަސްކަން ގެނުވާފައެވެ. ޖެމީ ވަރޑީ އަދި ފަކުންޑޯ ބޮނަނޯޓޭ ވަނީ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށް މެންޗެސްޓަރ ސިޓީގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް އާ ކޯޗު ވެން ނިސްޓެލްރޫއި އާއެކު ރަނގަޅު ފެށުމަކުން ފެށި ލެސްޓަރ ސީޓީއަށް މެންޗެސްޓަރ ސިޓީގެ ގޯލް ފޫއަލުވާލެވޭ ގޮތެއްނުވިއެވެ.
މި މެޗުން މޮޅުވި ނަމަވެސް ސިޓީއަށް ތާވަލްގެ ކުރިއަށް ޖެހިލެވުނީ ފަސްވަނަ މަޤާމާ ހަމައަށެވެ. އެއްވަނައިގައި އޮތް ލިވަޕޫލްއާ އަރާ ހަމަކުރަން ސިޓީއަށް އަދިވެސް 14 ޕޮއިންޓް ބޭނުންވާއިރު ލިވަޕޫލް އާދިއްތަ ދުވަހު ވެސްޓްހެމް ޔުނައިޓަޑް ބަލިކޮށްފައި ވަނީ 5-0 ގެ ނަތީޖާއަކުންނެވެ.
ބުރާސްފަތި ދުވަހު އެވަޓަން އާއި ދެކޮޅަށް ކުޅެ 1-1 ން އެއްވަރުވި މެޗަށްފަހު ކޯޗު ޕެޕް ގާޑިއޯލާ ވަނީ ސިޓީއާ މެދު އޭނާއަށް އުއްމީދު އެބައޮތްކަމަށާއި ސިޓި އެނބުރި އަންނާނެ ކަމަށް ބުނެފައެވެ. އަދި ސިޓީއަށް ދިމާވެފައިވާ ހާލަތުން އަރައިގަންނާނެ ކަމަށްވެސް ގާޑިއޯލާ ވަނީ ވަޢުދު ވެފައެވެ.
ނޮޓިންގްހަމް ފޮރެސްޓުން އަހަރު ނިންމާލީ ދަތްނެތް އެވަޓަން 2-0 ން ބަލިކޮށް ތާވަލްގެ ދެވަނަ މަޤާމަށް ކުރިއަށް ޖެހިލައިގެންނެވެ. ނުނޯ އެސްޕިރިޓޯ ސަންޓޯގެ ކްލަބުން މިސީޒަންގައި ވަނީ ތަޢުރީފް ހައްގު ކުޅުމެއް ދައްކާ ދާދި އަވަހަށް ތާވަލްގެ ހަރުފަތްތައް ގިރާކޮށް ކުރިއަރާފައެވެ. އަދި ލީގުގެ އެހެން ކްލަބްތަކުން އެ ކްލަބާމެދު ފާރަވެރިވާން ޖެހޭކަން ސާބިތުކޮށްދީފައެވެ.
އާދިއްތަ ދުވަހު ގޫޑިސަން ޕާކުގައި ކުޅުނު މި މެޗުގައި ނޮޓިންގްހަމް ފޮރެސްޓަށް ލީޑު ނަގައިދިނީ ކްރިސް ވުޑް އެވް. 15 ވަނަ މިނިޓްގައި ލީޑު ނަގައިދިނުމަށް އެހީތެރިވީ އެންތަނީ އެލަންގާ އެވެ. ފުރަތަމަ ގޯލް ކާމިޔާބު ކުރުމުގެ ކުރިންވެސް ވުޑް ވަނީ އެވަޓަންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.
މެޗުގައި ފޮރެސްޓްގެ ދެވަނަ ގޯލu ކާމިޔާބުކުރީވެސް ވުޑް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. 61 ވަނަ މިނިޓްގައި ފޮރެސްޓްގެ ފަހު ގޯލް ކާމިޔާބުކޮށްދިނީ މޯގަން ގިބްސް-ވައިޓް އެވެ. ފޮރެސްޓަށް ތާވަލްގެ ދެވަނަ މަޤާމް ލިބެނީ ތިންވަނައިގައި އޮތް އާސެނަލްއަށްވުރެ އެއް ޕޮއިންޓް މަދުކޮށެވެ. އާސެނަލް 36 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އެއްމެޗު މަދުން ކުޅެގެންނެވެ.
ރިއެކްޝަންސް