'އެއީ އަހަރެމެންނަށް ބައްޕައެއްކަހަލަ މީހެއް' ހިޒްބުالله ގެ ލީޑަރުގެ މަރާއެކު ސަޕޯޓަރުން ހިތާމައިގައި
(ބެއިރޫތް, ލުބުނާން) ހުކުރު ދުވަހު ހަވީރު އެމީހުން ދިރިއުޅެމުން ދިޔަ އިމާރާތަށް ގުޑުން އެރިއިރު މަރިޔަމް އާއި އޭނާގެ ދަރިފުޅު އަދި މަންމަ ތިބީ އިމާރާތުގެ ތެރޭގައެވެ. އޭރުވެސް މުޅި ހިސާބުގައި އިޒްރާއިލްގެ ހަނގުރާމަމަތީ ބޯޓްތައް އުދުހޭ އަޑުއިވެއެވެ.
އިޒްރާއިލްގެ ވަރުގަދަ ވައިގެ ހަމަލާތަކުގައި ދެކުނު ލުބުނާނުގެ ދާހިޔާ ސަރަހައްދުން އާންމުންގެ އެތައްބަޔަކު މަރުވި ހާދިސާގައި ހިޒަބުالله ލީޑަރު ޙަސަން ނަޞްރުالله ވެސް ވަނީ އަވަހާރަވެފައެވެ.
ހަމަލާތަކަށް ކުޑައިރުކޮޅެއް ފަހުން އިޒްރާއިލްއިން ވަނީ އާންމުނަށް އެސަރަޙައްދު ދޫކޮށް ދިއުމަށް އަންގާފައެވެ. އެއީ އެސަރަހައްދުގައި ހިޒްބުالله ގެ ކޮމާންޑިން ސެންޓަރުތަކެއް ހުރި ކަމަށް ބުނެއެވެ. މަރިޔަމްވެސް އަތުޖެހުނު އެއްޗެއް ޕެކްކޮށްގެން ގެއިން ނިކުތެވެ. އޭނާ މިހާރު ހުރީ ގެދޮރު ދޫކޮށްދިޔަ އެތައްސަތޭކަ ބަޔަކާއެކީ މިސްކިތަކުން ހިމާޔަތް ހޯދައިގެންނެވެ.
އިޒްރާއިލްއިން މަރިޔަމްގެ ދިރުއުޅުން އެފުށްމިފުށަށް ޖަހާލިނަމަވެސް ހިޒްބުالله ގެ ލީޑަރުގެ މަރާއެކު މަރިޔަމްގެ ހިތްއޮތީ ހަލާކުވެފައެވެ. އޭނާ ބުނެފައިވާގޮތުގައި ނަޞްރުالله ގެ ވަކިވުމަކީ ބަޔާންކުރަންދަތި ހިތާމައެއްކަމަށެވެ.
"އަހަންނަށް އެޚަބަރު ފުރަތަމަ ލިބުމުން އަހަރެން ހީކުރީ އެއީ ދޮގެއްކަމަށް. އަހަރެން އުއްމީދުކުރިން އެއީ ތެދަކަށް ނުވާނެކަމަށް. ނަޞްރުالله އަކީ އަހަރެމެނަށް ބޭބެއެއް. އަހަރެމެންނަށް އޭނާގެ ފުށުން އަބަދުވެސް ރައްކާތެރިކަން އިޙްސާސްވި" ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރަމުން އަލްޖަޒީރާ އާ ވާހަކަދައްކަމުން މަރިޔަމް ބުންޏެވެ.
ބޭބެއެއް, ބައްޕައެއް
ނަޞްރުالله ހިޒްބުالله ލީޑަރުކަމަށް އިސްވީ 1992 ގައި އޭރުގެ ލީޑަރު އައްބާސް އަލް މުސާވީ, އަންހެނުންނާއި ފަސް އަހަރުގެ ފިރިހެން ދަރިފުޅާއެކު އޭނާ ދިރިއުޅުނު ގެއަށް އިޒްރާއިލްއިން އިން ދިން ވައިގެ ހަމަލާގައި އަވަހާރަވުމަށް ފަހުއެވެ.
ނަޞްރުالله ލީޑަރުކަމުގެ ދަށުގައި އެޖަމާޢަތުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހަރަކާތްތައް ފުޅާކޮށް އަސްކަރީގޮތުން ބާރުގަދަވިއެވެ. ހިޒްބުالله އަކީ ދުނިޔޭގެ ނިސްބަތުންވެސް ހަތިޔާރުގެ ގޮތުން އެންމެ ބާރުގަދަ ޖަމާއަތެވެ. އަދި އިޒްރާއިލްއިން އެންމެ ޖެހިލުންވާ އެމީހުންގެ އެންމެ ބޮޑު ދުޝްމަނެވެ.
އިޒްރާއިލްއިން އިން 18 އަހަރުވަންދެން ދެކުނު ލުބުނާނު އަޅުވެތިކޮށްފައި ބޭއްވި ބޭއްވުން ހިޒްބުالله އިން ނިމުމަކަށް ގެނައީވެސް ޙަޞަން ނަޞްރުالله ގެ ލީޑަރުކަމުގެ ދަށުންނެވެ. އެހިސާބުން އެސަރަހައްދުގައި އޭނާ އަށް ވަނީ ބަތަލެއްގެ ދަރަޖަ ލިބިފައެވެ.
ނަޞްރުالله ގެ ޝަޙްސިއްޔަތާއި ހަނގުރާމައިގެ އުކުޅުތަކުގެ ސަބަބުން މެދުއިރުމަތީގެ ލީޑަރުންގެ މެދުގައިވެސް އޭނާއަކީ ޤަދަރު ލިބިގެންވާ ބޭފުޅެކެވެ. އެކަމަކު ސީރިއާ ހަނގުރާމައިގެ ބައިވެރިއަކަށްވުމާއެކު ލުބުނާނުގެ ބައެއް ސަރަހައްދުތަކުގައި ނަޞްރުالله މަގުބޫލުކަން ކުޑަވިއެވެ.
ނަމަވެސް ނަޞްރުالله އަކީ ލުބުނާނުގެ ޝީޢީ މުސްލިމުންގެ ބައްޕައެވެ. އަދި ބޭބެއެވެ. އެމީހުންގެ ބައްޕަ އަދި ބޭބެ މަރުވުމުގެ ހިތާމައިގައި ޝީޢީން ތިބީ މޮޅިވެރިކަމުގެ ސާލު އޮޅާލައިގެންނެވެ. ދެކުނު ލުބުނާނުގެ ދާހިޔާ ސަރަޙައްދުގެ އާންމުން ޤަބޫލުކުރާގޮތުގައި ނަޞްރުالله ވަނީ އެމީހުންނަށްޓަކައި ޝަހީދުވެފައެވެ. އޭނާގެ ފުރާނަ ދުއްވާލީ އެމީހުންގެ ޙައްޤުގައެވެ.
"އަހަރެން އަދި އެއްފަހަރު އޭނާގެ އަޑު އަހާލަން ބޭނުން. އޭނާއަކީ އަހަރެމެންނަށް ބައްޕައެއް ކަހަލަ މީހެއް. އޭނާއަކީ ހަމައެކަނި ސިޔާސީ މީހެއްނޫން. ދާހިޔާ ސަރަހައްދުގައި އޭނާގެ ގެ ބިމާހަމަވެފައިވާ ތަނުގައިހުރެ އަލްޖަޒީރާ އާ ވާހަކަދައްކަމުން ހިޒްބުالله ސަޕޯޓާރެއް ކަމަށްވާ ނިވިން ބުނެފައިވެއެވެ.
ނަޞްރުالله ކޮށައިދިން މަގުން އެމީހުންވެސް ކުރިއަށްދާނެ ކަމަށާއި, އިޒްރާއިލްއާ ދެކޮޅަށް ހަނގުރާމަކޮށް ނަޞްރުހޯދުމަކީ އޭނާ އަބަދުވެސް ކުރާ އުއްމީދެއްކަމުގައި ނިވިން ބުނެފައި ވެއެވެ.
ޙަސަން ނަޞްރުﷲ ގެ މަރާއެކު ލުބުނާނުގެ ސަރުކާރުންވެސް ވެސް ވަނީ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިންދުވަސް ޤައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ލުބުނާނުގެ ބޮޑުވަޒީރު، ނަޖީބު މިކާތީ ގެ އޮފީހުން ހޮނިހިރުދުވަހު ނެރުނު ބަޔާނެއްގައި ވަނީ މިހިތާމައިގައި ސަރުކާރުގެ ހުރިހާ އިމާރާތެއްގައި ލުބުނާނުގެ ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން އަންގާފަ އެވެ. ނަޞްރުﷲ ގެ ޖަނާޒާއަށް ލުބުނާނުގެ ސަރުކާރު އޮފީސްތައް ވެސް ބަންދުކުރާނެއެވެ. ނަމަވެސް ހިޒްބުﷲ އިން އަދި ޖަނާޒާ ބާއްވާނެ ތާރީޚެއް އިއުލާން ކޮށްފައެއް ނުވެއެވެ.
ރިއެކްޝަންސް