ޔުއެފާ ނޭޝަންސް ލީގު: ކުއާޓަރ ގެ ފަހު ދެ ޖާގަ ކްރޮއޭޝިއާ އާއި ޑެންމާކަށް
ނޭޝަންސް ލީގުގައި އަންގާރަ ދުވަހު ކުޅުނު މެޗުތަކުގެ ނަތީޖާ އާއެކު ކުއާޓަރ ފައިނަލްގެ ފަހު ދެ ޖާގަ ކްރޮއޭޝިއާ އާއި ޑެންމާކް ކަށަވަރުކޮށްފިއެވެ. މިއާއެކު ކުއާޓަރ ފައިނަލްގެ ޖާގަތައް މި ދެޤައުމުގެ އިތުރުން ޔަޤީންކުރީ ޕޯޗުގަލް, ފްރާންސް, ޖަރުމަން, ސްޕެއިން, އިޓަލީ އަދި ނެދަލެންޑްސްއެވެ. ކުއާޓަރ ފައިނަލް ގެ މެޗުތައް އޮންނާނީ އަންނަ އަހަރުގެ މާރިޗު މަހުގެ ފީފާ ބްރޭކްގައެވެ.
ލީގު އޭގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކުގެ ތެރެއިން ޕޯޗްގަލް އާއި ކްރޮއޭޝިއާ ވާދަކުރި މެޗު ނިމުނީ 1-1ން އެއްވަރުވެގެންނެވެ. މެޗުގައި ލީޑު ނެގީ ޕޯޗުގަލް އިންނެވެ. 33 ވަނަ މިނިޓްގައި ޔާއޮ ފެލިކްސް ލީޑު ނަގައިދިނީ ވިޓީނިއާ ތަނަވަސްކޮށްދިން ފުރުޞަތުންނެވެ. ނަމަވެސް ކްރޮއޭޝިއާއިން ދެވަނަ ހާފުގައި ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. 65 ވަނަ މިނިޓްގައި ކްރިސްޓިންޖެން ޖެކިކް ނަގައިދިން ރީތި ހުރަސް ގޯލްގެ ތެރެއަށް ފޮނުވާލީ ހޮސްކޯ ގުވާޑިއޯލް އެވެ.
މި ނަތީޖާއާއެކު ގްރޫޕްގެ އެއްވަނަ 14 ޕޮއިންޓާއެކު ޕޯޗްގަލްއިން ދިފާއުކުރި އިރު, ކްރޮއޭޝިއާ ދެވަނައަށް ދިޔައީ 8 ޕޮއިންޓާއެކުއެވެ. މި ގްރޫޕްގެ ފުލަށްދިޔަ ޕޮލެންޑު ވަނީ ލީގު ބީއަށް ރެލިގޭޓް ވެފައެވެ. ޕޮލެންޑް އަށް ހަ މެޗުން ލިބުނީ ހަތަރު ޕޮއިންޓެވެ.
ސާބިއާ އާއި ޑެންމާކް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި ގްރޫޕްގައި ސްވިޒަލޭންޑް އަތުން ސްޕެއިން މޮޅުވީ ފަހު ވަގުތުއެވެ. 3-2 ން ސްޕެއިން މެޗު ކާމިޔާބުކުރިއިރު 32 ވަނަ މިނިޓްގައި ލީޑު ނެގީވެސް ސްޕެއިން އިންނެވެ. ޔެރެމީ ޕިނޯ ލީޑު ނަގައިދީފަގައި ވަނިކޮށް ސްވިޒަލޭންޑަށް ނަތީޖާ އެއްވަރުކޮށްދިނީ 63 ވަނަ މިނިޓްގައި ޖޯލް މޮންޓޭރޯއެވެ. އޭގެ ފަސް މިނިޓް ފަހުން ބްރަޔަން ގިލް އަނެއްކާވެސް ސްޕެއިންއަށް ލީޑު ނަގައިދިނެވެ. ދެވަނަ ފަހަރަށް ސްވިޒަލޭންޑަށް ނަތީޖާ އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީއެއްގައި އެންޑީ ޒެކީރީއެވެ. ސްޕެއިން މޮޅުވި ގޯލް އިތުރުވަގުތުގެ 3 ވަނަ މިނިޓްގައި ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބްރަޔަން ޒަރަގޯޒާއެވެ.
ގްރޫޕްގެ އެއްވަނަ ސްޕެއިން އިން ހޯދީ ހަ މެޗުން 16 ޕޮއިންޓާއެކުއެވެ. ދެވަނަ ލިބުނު ޑެންމާކަށް ހަ މެޗުން އަށް 8 ޕޮއިންޓް ލިބުންއިރު ގްރޫޕްގެ ފުލަށް ދެ ޕޮއިންޓާއެކު ދިޔަ ސްވިޒަލޭންޑްވެސް ވަނީ ލީގު ބީއަށް ރެލިގޭޓްވެފައެވެ.
ރިއެކްޝަންސް