
ޕީއެސްޖީން އެތްލެޓިކޯ މެޑްރިޑްގެ މައްޗަށް ބޮޑު މޮޅެއް ހޯދާ ފެށުން ރަނގަޅުކޮށްފި
ފީފާ ކްލަބް ވޯލްޑްކަޕްގެ ގްރޫޕް ބީ ގައި އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަން, ފްރާންސްގެ ފެރިސް ސެއިންޓް ޖެމައިން (ޕީއެސްޖީ) އާއި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 4-0 ން ޕީއެސްޖީ ކާމިޔާބުކޮށްފިއެވެ.
މެޗު ފެށިގެން ފުރަތަމަ 15 ވަަރަކަށް މިނިޓްވަންދެން އެއްކޮށްހެން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މެޗުގެ ބާކީ ބައިގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ހަމަހަމަ ކުޅުމެކެވެ.
އިތުރު ވަގުތާއެކު މެޗުގެ ފަހު 20 މިނިޓް 10 ކުޅުންތެރިންނާއެކު ކުޅުނު އެތްލެޓިކޯގެ ކްލެމެންޓް ލެންގްލެޓްއަށް މެޗުގެ 77 ވަނަ މިނިޓްގައި ވަނީ ދެ ރީނދޫ ކާޑު ހަމަވެ ރަތްކާޑެއް ދައްކާފައެވެ.
ޕީއެސްޖީގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ 19 ވަނަ މިނިޓްގައި ސްފެއިންގެ ފަބިއަން ރުއިޒްއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މެޗުގެ ނަތީޖާ 2-0 ށް ބަދަލުކޮށްދިނީ ވިޓީނާއެވެ. މި ދެ ގޯލް ޖެހުމުގައިވެސް އެހީތެރިވީ ކްވިޒާ ކްވަރަޝްކޭލިއާ އެވެ.
ވިޓީނާގެ ގޯލްގެ ކުރިން އެތްލެޓިކޯއަށް ކުޅޭ ޕޯޗްގަލްގެ ފޯވާޑް ގޮންކާލޯ ރާމޯސްއަށް ގޯލެއް ކާމިޔާބުކުރާނެ ރަނގަޅު ތިން ފުރުޞަތު ލިބުނެވެ. މެޗުގައި ހޫލިއަން އަލްވަަރޭޒްގެ ގޯލެއް ފެނުނުނަމަވެސް އެތްލެޓިކޯގެ ކޯކޭ ޕީއެސްޖީގެ ޑިސަޔާ ޑުއޭއަށް ކުރި ފައުލަކާއެކު ގޯލް ވަނީ ބަލައިނުގެންފައެވެ.
ފަހު ދެ ގޯލް ޕީއެސްޖީން ކާމިޔާބުކުރީ މެޗު ނިމެން ދަނިކޮށެވެ. 87 ވަނަ މިނިޓްގައި ސެނީ މަޔޫލޫ ތިންވަަ ގޯލް ކާމިޔާބުކޮށްދިންއިރު އިތުރު ވަގުތުގައި ފަހު ގޯލް ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލީ ކަންގް އިންއެވެ.
މެޗު ނިމެންދަނިކޮށް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން އެތްލެޓިކޯގެ އަލެކްސަންޑަރ ސޯލޮތްއަށްވެސް ގޯލެއް ކާމިޔާބުކުރާނެ ރަނގަޅު ފުރުޞަތެއް ލިބި ވަނީ ބޭކާރުވެފައެވެ. ސޯލޮތްއަށް ހުރަސް ނަގައިދިންއިރު އޭނާހުރީ ތަންކޮޅެއް ދުރުގައެވެ.
މެޗުގައި ޕީއެސްޖީގެ ޕެނަލްޓީ އަކީ އެތްލެޓިކޯގެ ޑިފެންޑަރު ރޮބިން ލެ ނޯމަންޑް އަތުގައި ބޯޅައިން ޖެހުމުގެ ސަބަނުން ވީޑިއޯ އެސިސްޓަންޓް ރެފްރީ ކަށވަރުކޮށްދިނުމަށްފަހު ދީފައިވާ ޕެނަލްޓީއެކެވެ.
ރިއެކްޝަންސް






