
ފަހު ވަގުތު މިކޭލް މެރީނޯގެ ދެ ގޯލުން އާސެނަލް މޮޅު
އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް އާއި ލެސްޓަރ ސިޓީގެ ކުރިމަތިލުމުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން މިކޭލް މެރީނޯގެ ދެ ގޯލުން އާސެނަލް މޮޅުކޮށްދީފިއެވެ. މެޗުގެ 69 ވަނަ މިނިޓްގައި ކުޅެން ނިކުއިން މެރީނޯގެ ދެ ގޯލްވެސް ކާމިޔާބުކޮށްފައިވަނީ ފަހު ދިހަ މިނިޓް ތެރޭގައެވެ.
އާސެނަލްއަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ ގުޅިގެން ފޯވާޑެއް ނެތުމުގެ ހުސްކަން ކުޑަކުރުމަށް, ކުރިން މެދުތެރެއަށް ކުޅެމުން އައި މެރީނޯ މިއަދު ފެނުނީ ސެންޓަރ-ފޯވާޑެއްގެ ރޯލުންނެވެ.
މެރީނޯގެ ފުރަތަމަ ގޯލް ކުޅެން ނިކުއިންތާ 12 ވަނަ މިނިޓްގެ ތެރޭގައި ކާމިޔާބުކުރީ ޒުވާން ކުޅުންތެރިޔާ އީތަން ވަނޭރީ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. އާސެނަލްގެ ދެވަނަ ގޯލް 89 ވަނަ މިނިޓްގައި މެރީނޯ ކާމިޔާބުކުރީ ލެއަންޑްރޯ ޓްރޮސާޑްގެ އެހީތެރިކަމާއެކުއެވެ.
މެޗުން ޕޮއިންޓެއް ނަމަވެސް ހޯދޭތޯ ގަދައަޅާ މަސައްކަތްކުރި ލެސްޓަރ ސިޓީއަށް މާރަނގަޅު ހަމަލާއެއް އުފެއްދުމުގައިވެސް ވަނީ ނާކާމިޔާބުވެފައެވެ.
މި މޮޅާއެކު އާސެނަލްއިން ވަނީ ތާވަލްގެ ކުރީގައި އޮތް ލިވަޕޫލާ ހަތަރު ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. 57 ޕޮއިންޓާއެކު އެއްވަނައިގައި އޮތް ލިވަޕޫލް މާދަމާ ވުލްވްސް އާ ދެކޮޅަށް ނިކުންނާނެއެވެ.
ރިއެކްޝަންސް






