
މަރްމޯޝްގެ ހެޓްރިކާއެކު ސިޓީ އަނެއްކާވެސް ގަދަ ހަތަރަކަށް, އެންޑަސަން އަށްވެސް ރެކޯޑެއް
މިދިޔަ މަހު ސިޓީއާ އަލަށް ގުޅުނު މިޞްރުގެ އޮމަރް މަރްމޯޝް ގެ ހެޓްރިކާއެކު 4-0 ން މެންޗެސްޓަރ ސިޓީން ނިއުކާސަލް ޔުނައިޓަޑް ބަލިކޮށް ތާވަލްގެ ގަދަ ހަތަރަކަށް އަނެއްކާވެސް ޖެހިލައިފިއެވެ.
މެޗުގައި ގޯލްކީޕަރު އެންޑަސަންވެސް ވަނީ ލީގުގައި މިހާތަނަށް އެންމެ ގިނަ އެސިސްޓް ކޮށްދިން ގޯލް ކީޕަރުގެ ރެކޯޑްވެސް ހަދާފައެވެ. ސިޓީއަށް މެޗުގެ ފުރަތަމަ ގޯލް 19 ވަނަ މިނިޓްގައި ކާމިޔާބުކުރުމަށް އެހީތެރިވީ އެންޑަސަން އެވެ. އެއީ ޕްރިމިއަރ ލީގުގައި އޭނާގެ ހަވަނަ އެސިސްޓެވެ. އަދި އެއް ސީޒަނެއްގައި ތިން އެސިސްޓް ކޮށްދިން ގޯލްކީޕަރުގެ މަޤާމްވެސް އެނާ އަށްވަނީ ލިބިފައެވެ.
59 މިލިއަން ޕައުންޑަށް އެންޓްރަންޗް ފްރެންކްފަރްޓް އިން ސިޓީއަށް ބަދަލުވި މަރްމޯޝް 14 މިނިޓްގެ ތެރޭގައި ވަނީ ހެޓްރިކް ހަދާފައެވެ. އޭނާ ސިޓީއަށް ލީޑު ފުޅާކޮށްދިނީ އިކާއި ގުންޑޯގަން ތަނަވަސްކޮށްދިން ފުރުޞަތުގައި 24 ވަނަ މިނިޓްގައެވެ. 33 ވަނަ މިނިޓްގައި ތންވަނަ ގޯލް ކާމިޔާބުކުރީ ސަވީނޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. މިއީ ސިޓީގެ ކުޅުންތެރިއަކު ލީގުގައި ކާމިޔާބު ކޮށްދިން ހަތަރުވަނައަށް އެންމެ އަވަސް ހެޓްރިކެވެ.
ގިނަ ދުވަސްތަކަތަކަށް ފަހު ސިޓީގެ ޑިފެންސް ވަރުގަދަކޮށް ފެނުނު މި މެޗުގައި ސިޓީއަށް ހަތަރުވަނަގޯލް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ހަމޭސް މެކްއަޓީ އެވެ. އެއީ 84 ވަނަ މިނިޓްގައި އާލިން ހާލަންޑް ތަނަވެސްކޮށްދިން ފުރުޞަތެއްގައެވެ.
މެނުއެލް އަކާންޖީ, ރުބެން ޑިއަޒް އަދި ނޭތަން އާކޭ އާ އެކު ކުރީގެ ސީޓީގެ މެޗެއް ބަލާލެވުނު ކަމުގެ އިޙްސާސް ކުރެވުނު މި މެޗަކީ ޗެމްޕިއަންސްގެ ލީގުގެ ޕްލޭއޯފްގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް 'މަރަށް ފުރާނައަށް' ނިކުތުމުގެ ކުރިން ރަނގަޅު ވޯމްއަޕް މެޗެކެވެ.
މި ނަތީޖާއާއެކު ސިޓިއަށް ތާވަލްގެ ހަތަރުވަނަ ލިބެނީ 44 ޕޮއިންޓާއެކުއެވެ. މިއަދު ފުލަމް އަތުން 2-1 ން ބަލިވި ނޮޓިންގްހަމް ފޮރެސްޓް ތާވަލްގެ ތިންވަނައިގައި އޮތްއިރު, 2-0 ން ލެސްޓަރ ސިޓީއަތުން ހޯދި މޮޅާއެކު 53 ޕޮއިންޓް ހޯދައިގެން ތާވަލްގެ ދެވަނައިގައި އޮތީ އާސެނަލްއެވެ. މި ހުރިހާ ޓީމަކަށްވުރެ އެއްމެޗު މަދުންކުޅެ ތާވަލްގެ އެންމެ ކުރީގައި ލިވަޕޫލް އޮތީ 57 ޕޮއިންޓައެކުއެވެ.
މިއަދު ސައުތަމްޕްޓަންގެ މައްޗަށް 3-1 ން ކުރި ހޯދި ބާންމައުތު ފަސްވަނައިގައި އޮތީ ސިޓީއަށްވުރެ އެންމެ ޕޮއިންޓޭއް މަދުން ހޯދައިގެންނެވެ.
ރިއެކްޝަންސް






