
ރެއާލަށް މޮޅުނުވެވި ލީޑް ފުޅާކުރަން ލިބުނު ފުރުޞަތު ގެއްލުމުގެ ފައިދާ އެތްލެޓިކޯއަކަށް ނުނެގުނު
ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހު ރެއާލްއަށް އެއްވަނައިގައި ލީޑް ފުޅާކުރަން ލިބުނު ފުރުޞަތު ގެއްލިއްޖެއެވެ. އަދި އެތްލެޓިކޯ މެޑްރިޑަށްވެސް ވަނީ ތާވަލްގެ އެންމެ ކުރިއަށް ޖެހިލަން ލިބުނު ފުރުޞަތު ގެއްލިފައެވެ.
ރެއާލްއާއި އޮސަސޫނާ ބައްދަލުކުރި މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ރެއާލްއަށް މޮޅު ނުވެވުމުގެ ފައިދާ އެތްލެޓިކޯ އަށް ނުނެގުނުއިރު, އެތްލެޓިކޯ މެޑްރިޑާއި ސެލްޓަވީގޯ ބައްދަލުކުރި މެޗު ނިމުނީވެސް ހަމަ މި ނަތީޖާއިންނެވެ.
ރެއާލް-އޮސަސޫނާ މެޗުގެ 39 ވަނަ މިނިޓްގައި ރެއާލްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އަށް ދެއްކި ރަތްކާޑާއެކު ރެއާލުން މެޗުގެ ބާކީބައި ކުޅުނީ އެއްކުޅުންތެރިއަކު މަދުކޮށެވެ. ރެފްރީ ހޯސޭ ލުއިސް މޮންޓޭރޯ އާ ބޭއަދަބީކޮށް މުހާތަބު ކުރިކަމަށްބުނެ ދެއްކި ރައްކާޑާއެކު ބެލިންގްހަމް ގެ މޫނުމަތިން ދަނޑުގައިވެސް ހައިރާންކަން ފެނުނެވެ. ބެލިންހަމްވަނީ މެޗަށްފަހު އެކަމާ ގުޅިގެން ވާހަކަ ދައްކާފައެވެ. އަދި ބޭއަދަބީކޮށް މުހާތަބުކުރިކަމަށް ބުނާ ވާހަކަތައް އޭނާވަނީ ދޮގުކޮށްފައެވެ.
މެޗުގައި 10 ކުޅުންތެރިންނަށް ވީއިރުވެސް ލީޑުގައި އޮތް ރެއާލްގެ ހަމައެކަނި ގޯލް ކާމިޔާބުކުރީ ކީލިއަން އެމްބާޕޭ އެވެ. މެޗުގެ 15 ވަނަ މިނިޓްގައި ރެއާލުން ލީޑު ނެގީ ފެޑްރީކޯ ވަލްވާޑޭ ނަގައިދިން ރީތި ހުރަހަކުންނެވެ.
އޮސަނޫނާއިން ނަތީޖާ އެއްވަރުކުރީ 58 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ, ރެއާލްގެ އެޑްވާޑޯ ކަމަވިންގާ އޮސަސޫނާގެ އާންޓޭ ބުޑީމިރް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޖެހީވެސް އޭނާއެވެ.
މެޗުގެ ފަހު ހާފުގައި ރެއާލުން އިތުރު ގޯލެއް ކާމިޔާބުކޮށް ލަލީގާގެ ތާވަލްގެ ލީޑު ފުޅާކުރަން ކެނޑިނޭޅި މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.
އެތްލެޓިކޯ މެޑްރިޑް އާއި ސެލްޓަވީގޯ ބައްދަލުކުރި މެޗުގައިވެސް ހަތްވަނަ މިނިޓްއިން ފެށިގެން އެތްލެޓިކޯއިންވެސް ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. ސެލްޓަވީގޯގެ ޕަބްލޯ ބޮރިސްއަށް އެތްލެޓިކޯގެ ޕަލްބޯ ޑުރާން ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ އޭނާ އަށް ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީވަނީ ސީދާ ރަތަކަށް ކާޑު ބަދަލުކޮށްފައެވެ.
މެޗުގައި ސެލްޓަވީގޯއިން ލީޑު ނެގީ ޕެނަލްޓީއަކުންނެވެ. 68 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ލަގޯ އަސްޕަސް އެވެ. އެތްލެޓިކޯއިން ނަތީޖާ އެއްވަރުކުރީ މެޗުގެ 81 ވަނަ މިނިޓްގައި އަލެކްސަންޑަރ ސޯލޮތް އެވެ.
ދެ މެޗުގެ ނަތީޖާއާއެކު ވާދަވެރި ބާސެލޯނާއަށް ތާވަލްގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު އޮތީ ފަހިވެފައެވެ. ހޯމަ ދުވަހު ރަޔޯ ވަޔަކާނޯގެ މައްޗަށް ބާސެލޯނާއިން ކުރި ހޯދައިފިނަމަ 51 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އޮތް ރެއާލް ދެވަނައަށް ވެއްޓޭނެއެވެ. އަދި 50 ޕޮއިންޓާއެކު އެތްލެޓިކޯވެސް ތާވަލްގެ ތިންވަނައަށް ތިރިއަށް ޖެހިލާނެއެވެ.
ރިއެކްޝަންސް






